News
ޕީއެސްޖީން އެހެން ގައުމެއްގައި ކުޅެންވެސް ތައްޔާރު: ފީއެސްޖީގެ ރައީސް
29 އޭޕްރިލް 2020
ޗެމްޕިއަންސް ލީގުގެ ޕީއެސްޖީގެ މެޗުތައް އެހެން ގައުމުގެއްގައި ކުޅެން މަސައްކަތްކުރާނެ ކަމަށް އެ ކްލަބުގެ ރައީސް ވިދާޅުވެއްޖެއެވެ.
ޕީއެސްޖީގެ ރައީސް ނަސީރު އަލް ހެލާފީ ވިދާޅުވީ ޕްރާންސްގެ ސަރުކާރުން ފުޓްބޯޅަ ސީޒަން ކެންސަލްކުރަން ނިންމި ނިންމުން ބަލައިގަންނަ ކަމަށާއި، އެހެންނަމަވެސް ޔުއެފާއާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ޗެމްޕިއަންސް ލީގު ފުރިހަމަ ކުރަން ބޭނުންވާ ކަމަށެވެ.
އިއްޔެ ފްރާންސްގެ ބޮޑުވަޒީރު އެޑްއާޑް ޕިލިޕް ވިދާޅުވީ އެގައުމުގައި މީހުން އެއްވެ އުޅޭ ގޮތަށް ކުރިޔަށް ގެންދާ ހުރިހާ އެއްވެސް ކުޅިވަރު މުބާރާތެއް ސެޕްޓެމްބަރުގެ ކުރިން ކުރިޔަށް ގެންދިއުމުގެ ހުއްދަ ނުދެއްވާނެ ކަމަށެވެ. އަދި ސަޕޯޓަރުންނާއި ނުލާ ސްޓޭޑިއަމްތައް ބަންދުކޮށްގެން ކުޅުމަށްވެސް ހުއްދަ ނުދެއްވާނެ ކަމަށެވެ.
ޕީއެސްޖީން ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ޔުއެފާއިން ޗެމްޕިއަންސް ލީގު މެދު ކަނޑާލީ ކޮރޯނާވައިރަސްގެ ސަބަބުންނެވެ. މިހާރު ޔުއެފާއިން މަސައްކަތް ކުރަނީ އޮގަސްޓްމަހުގެ ތެރޭގައި ޗެމްޕިއަންސް ލީގު ފެށުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕީއެސްޖީން ޗެމްޕިއަނސް ލީގުގެ މެޗުތައް ކުޅެވޭނެ މަގެއް ފެނިއްޖެނަމަ ހެލާފީ މަސައްކަތް ކުރާނީ ޕީއެސްޖީގެ މެޗުތައް ގަތަރުގައި ކުޅުމަށްކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕީއެސްޖީން މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން އަންނައިރު، އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ފުރުސަތު ހޯދާފައެވެ.