News

އެންމެ އަވަހަށްވެސް ސީޒަން ފަށަންވާނީ ސެޕްޓެމްބަރުގައި: ފީފާ މެޑިކަލް ޗީފް

29 އޭޕްރިލް 2020






 ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށާއި، ކުޅުންތެރިން ދަނޑަށް ކުޅުޖަހައިގެން ރީންދޫ ކާޑު ދައްކާ މިންވަރު މަދު ކުރުމަށް، ސެޕްޓެމްބަރުގެ ކުރިން ފުޓްބޯޅަ ސީޒަން ފަށައިގެން ނުވާނެ ކަމަށް ފީފާގެ މެޑިކަލް ކޮމިޓީގެ ޗެއާމަން މައިކަލް ޑިހޫގް ވިދާޅުވެއްޖެއެވެ. 

ސްކައި ސްޕޯޓްސްއަށް އަންގާރަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ޑިހޫގް ވިދާޅުވީ މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދިމާވި  އެންމެ އާދަޔާ ހިލާފު ދުވަސްތައް ކަމަށާއި،މިކަންތައް ލުއި ގޮތަކަށް ނަގައިގެން ނުވާނެ ކަމަށެވެ. 

ޑިހޫގް މިވާހަކަފުޅު ދެއްކެވީ އަންނަ މަހު ބުންޑަސްލީގާ ފެށުމަށް މަސައްކަތް ކުރަމުންދާތީ އާއިޖޫންގައި ޕްރިމިއާ ލީގު ފެށުމަށް މަސައްކަތް ކުރަމުންދާތީ އެދެ މުބާރާތަށް އިޝާރާތް ކުރައްވައެވެ.

  ޑިހޫގް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭންވީ ހަމައެކަނި ސިއްހަތަށް ކަމަށް ކަނޑައަޅަންވީ ހާލަތެއް އަންނާނެ ކަމަށާއި މިއީ އެހާލަތު ކަމަށެވެ. އެހެންކަމުން މިއީ ފައިސާއާއި މެދު ވިސްނަންވީ ވަގުތު ނޫން ކަމަށާއި، ދިރިހުރުމާއި މަރާއި މެދު ވިސްނަންވީ ވަގުތު ކަމަށެވެ.

ބެލްޖިއަމްގެ ފުޓްބޯޅަ މެނޭޖްކުރުމުގައި ކުރިން ހަރަކާތްތެރިވެވަޑައިގެންނެވި ޑިހޫގް ވިދާޅުވީ އިޖްތިމާއީ ގައިދުރުކަން ގެންގުޅުމަށް ސަރުކާރުން އަންގާފައިވާއިރު ކުޅުންތެރިން އެކަކު އަނެކަކާ ބައްދަލުވުން އަދި މާ އަވަސް ކަމަށެވެ.  

ވާދަވެރި ފުޓްބޯޅައަށް އަދި ދުނިޔެ ތައްޔާރު ނޫން ކަަމަށާއި، އެހެންނަމަވެސް މިކަން ވަރަށް އަވަހަށް ބަދަލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ލީގުތައް ފެށުމުގެ ބަދަލުގައި ކުޅުންތެރިންނާއި ޓީމުތަކުން އަދި ކެތްތެރިވާން ޖެހޭ ކަމަށްވެސް ފީފާގެ އެންމެ ނުފޫޒުގަދަ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެންބަރު އަދި ޑޮކްޓަރ ޑިހޫގް ވިދާޅުވިއެވެ.
 
އަލުން ފުޓްބޯޅަ ފެށޭނީ އެކަކު އަނެކަކާ ބައްދަލުވެވޭ ހާލަތަަކަށް އައުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފުޓްބޯޅައަކީ  ގައިދުރުކަން ހިފެހެއްޓޭނެ ކުޅިވަރަކަށް ނުވާއިރު ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު އިސްކަމެއް ދޭންވީ ގައިދުރުކަން ހިފެހެއްޓުމަށް ކަމަށް ސިއްހީ އިދާރާތަކުން ލަފާދޭއިރު ފުޓްބޯޅައިގެން ހަރަކާތްތައް އަލުން ފެށުމަކީ މިވަގުތު ރަނގަޅު ކަމެއް ނޫން ކަމަށްވެސް ޑިހޫގް ވިދާޅުވިއެވެ.
އަދި އެކި ގައުމުތަކުގައި ކޮރޯނާވައިރަސްގެ ހާލަތު ޕީކަށް ދާނީ އެކި ދުވަސްވަރު ކަމަށާއި، ހަމައެކަނި ހައްލެއް އޮތީ އެކަމަށް ވެކްސިނެއް އުފެއްދިގެން ކަމަށް ޑިހޫގް ވިދާޅުވިއެވެ. 
މީގެ އިތުރުން ފުޓްބޯޅަ މުބާރާތްތައް އަލުން ފެށޭއިރު ކުޅުންތެރިން ދަނޑަށް ކުޅުޖަހާފާނެ ކަމަށް ރެފްރީން މިހާރަށްވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި، އެކަމާއި ގުޅޭ ގަވާއިދުތަކާއި އަޅާނެ ފިޔަވަޅުތަކެއް ކަނޑައަަޅަން ޖެހޭ ކަމަށް ޑިހޫގް ވިދާޅުވިއެވެ. 

 



Leave a Comment:

Comments will be published after moderation.