News
ފްރާންސްގެ މަތީ ފަންތީގެ ދެ ލީގުވެސް މިއަހަރަކު ނުކުޅެވޭނެ!
28 އޭޕްރިލް 2020
ފްރާންސްގެ މަތީ ފަންތީގެ ދެ ލީގު ކަމުގައިވާ ލީގް1 އަދި ލީގް2 މިއަހަރު ނުކުޅެވޭނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކޮރޯނާވައިރަސްގެ ސަބަބުން ފްރާންސުން ވަނީ ކުޅިވަރުގެ ހުރިހާ ހަރަކާތެއް ސެޕްޓެމްބަރާ ހަމައަށް މަނާކޮށްފައެވެ. އަދި ސަޕޯޓަރުން ނުވައްދާ ގޮތަށް ސްޓޭޑިއަމްތައް ބަންދުކޮށްގެން ކުޅުމުގެ ހުއްދަވެސް އެގައުމަކުން ނުދެއެވެ.
ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެން ފެށުމުން ފްރާންސްގައި އިއުލާނު ކުރި ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދެއްވަން ރާއްވަވަމުންދާ ކަމަށް އިއުލާނު ކުރައްވަމުން ބޮޑުވަޒީރު އެޑުއާޑް ޕިލިޕް ވިދާޅުވީ އެގައުމުގައި 2019-2020 ގެ ކުޅިވަރުތަކުގެ ސީޒަން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
ފްރާންސްގެ ފުޓްބޯޅައާއި ގުޅޭ މައި އިދާރާއިން އުންމީދުކޮށްގެން ތިބީ ޖޫން 17 ގައި އަލުން ސީޒަން ފަށައިގެން ޖުލައި 25 އަށް ސީޒަން ނިންމާލެވޭނެ ކަމަށެވެ. މުއްދަތެއް ނެތް ގޮތަށް ފްރާންސްގެ ކުޅިވަރުގެ ހަރަކާތްތައް މެދު ކަނޑާލީ މާޗް 13 ގައެވެ.
ސީޒަން ނިމުމަކަށް އައި ކަން ސަރުކާރުން އިއުލާނުކުރިނަމަވެސް ލީގް ފުޓްބޯލް ޕްރޮފެޝަނަލް (އެލްއެފްޕީ) އިން ޕްރޮމޯޝަނެއް ނުލާ އަދި ރެލިގޭޝަނަކާއި އަދި ޗެމްޕިއަން ޓީމެއް ކަނޑަނާޅާ ސީޒަން ނިންމާލާނެ ކަމެއް އަދި ސާފެއް ނުވެއެވެ.
ސީޒަން1 އަށް ހަދާނެ ގޮތަކާއި މެދު މަޝްވަރާ ކުރުމަށް އެންމެ ފަހުން އެލްއެފްޕީން ބައްދަލުވުމެއް ބާއްވާފައިވަނީ 10 އޭޕްރީލްގައެވެ. އެ ދުވަހު ވަނީ ލީގު 1 އަލުން ފެށުމަށް ވޯޓެއްވެސް ނަގާފައެވެ.
ބޮޑުވަޒީރު ފިލިއްޕެ ވިދާޅުވެފައިވަނީ އެގައުމުގައި ފުޓްބޯޅައާއި އެކު ޕްރޮފެޝަނަލް ކުޅިވަރުތައް މިއަހަރު ފެށޭނެ ހާލަތެއް ނެތް ކަމަށެވެ. އެހެންނަމަވެސް އެހެންނަމަވެސް ހޫނު ދުވަސްތަކުގައި އައުޓްޑޯގައި ވަކިވަކި ކުޅިވަރުތަކުގެ ޕްރެކްޓިސްތައް ބޭއްވިދާނެ ކަމަށާއި، ޕްރެކްޓިސްތަކުގައި އިޖްތިމާއީ ގައިދުރުކަން ހިފަހައްޓަން ޖެހޭނެ ކަމަށެވެ.
ބަންދުކޮށްފައިވާ ތަނެއްގައި ޕްރެކްޓިސް ކުރިޔަށް ނުގެންދެވޭނެ ކަމަށާއި، ބައިވަރު މީހުން އެއްވެގެން އެއްވެސް ޕްރެކްޓިސްއެއް ކުރިޔަށް ނުގެންދެވޭނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ޔޫރަޕިއަނުން ލީގުތައް ކެންސަލް ކުރާނަމަ ނުވަތަ ކުރިޔަށް ގެންދަން ބޭނުން ނަމަ ޔޫރަފްގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާއަށް މޭ 25 ގެ ކުރިން އަންގަން ޖެހެއެވެ.