News
ސްޕެނިޝް ލީގު އަވަހަށް ފެށޭނެ ހާލަތެއް އަދި ނެތް: ސަރުކާރު
27 އޭޕްރިލް 2020
ކޮރޯނާވައިރަސްއާއި ގުޅިގެން މެދުކަނޑާލާފައިވާ ސްޕެއިންގެ ފުޓްބޯޅަ ލީގް އަވަހަށް ފެށުމަށް ހުއްދަ ދެވޭނެ ހާލަތެެއް އަަަދިނެތް ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ޔޫރަޕްގައި އެންމެ ބޮޑަށް ކޮވިޑް-19ގެ އަސަރުކުރި އެއްގައުމުކަމުގައިވާ ސްޕޭނުން މެދުކަނޑާލާފައިވާ ސްޕެނިޝްލީގު މެއިމަހުގެ ފަހުކޮޅު ކުރިޔަށް ގެންދިއުމަށް ލަލީގާއިން ވަނީ މަސައްކަތް ފަށާފައެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަވަހަށް ލީގު ފެށުމަށް ސަރުކާރުން ހުއްދަދޭން ބޭނުން ނުވަނީ އަދި އެގައުމުގައި ކޮވިޑް-19ގެ ހާލަތު އާންމު ހާލަތަށް ބަދަލުވެފައި ނުވާތީ އެވެ. އެހެންކަމުން ގިނަ އަދަކަށް މީހުން އެއްވެ އުޅޭ ގޮތަށް ބާއްވާ ކުޅިވަރުގެ ހަރަކާތްތައްވެސް އަދި ބޭއްވުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ސްޕޭން ސަރުކާރުން ބުނެއެވެ.
ސްޕޭންގެ ހެލްތް މިނިސްޓަރ ސަލްވަޑޯ އިއްލާ ވިދާޅުވީ ހޫނު މޫސުމުގެ ކުރިން ސްޕެއިންގައި ފުޓްބޯޅައިގެ ހަރަކާތްތައް ފެށޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. މާޗް 12 އިން ފެށިގެން ސްޕެއިންގައިވަނީ ކުޅިވަރުގެ ހަރަކާތްތައް މެދު ކަނޑާލާފައެވެ. އެގައުމުގައި ހަރުކަށި ފިޔަވަޅުތަކާއެކު ލޮކްޑައުންގެ ހާލަތު އިއުލާނުކުރީ އޭގެ ދެދުވަސް ފަހުންނެވެ.
ކޮރޯނާވައިރަސް ޖެހިގެން މިހާތަން ސްޕެއިން އިން 22،000 މީހުން ވަނީ މަރުވެފައެވެ.
ސްޕެނިޝްލީގުން ބުނެފައިވަނީ މޭމަހުގެ ފަހުކޮޅުުުުގެ ކުރިން ލީގު ނުފަށާނެ ކަމަށެވެ. އެގައުމުގައި ފުޓްބޯޅައިގެ ހަރަކާތްތައް ފެށޭނީ ސަރުކާރުގެ ސިއްހީ އޮފިޝަލުންދޭ އިރުޝާދުގެ ދަށުން ހެލްތް މިނިސްޓަރ ނިންމަވާ ގޮތެއްގެ މަތިންނެވެ.