News
މެޗެއްގައި 5 ބަދަލު ކުޅުންތެރިން ބޭނުން ކުރުމަށް ފީފާއިން ހުށަހަޅައިފި
27 އޭޕްރިލް 2020
ކޮރޯނާވައިރަސްގެ ސަބަބުން ކުޅުންތެރިންގެ ފިޓްނެސްއަށް އަސަރުކޮށްފާނެކަމަށް ބެލެވޭތީ އަލުން ކުޅުން ފެށޭއިރު ކުރިޔަށް ގެންދާ މެޗުތަކުގައި ކޮންމެ މެޗެއްގައިވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި 5 ކުޅުންތެރިން ބޭނުން ކުރުމުގެ ހުއްދަދިނުމަށް ފީފާއިން ހުށަހަޅައިފިއެވެ.
ދުނިޔޭގެ ފުޓްބޯލައިގެ މައި އިދާރާއިން މި ގޮތަށް ހުށަހެޅީ ކްލަބުތަކުގެ ކުޅުންތެރިންގެ ފިޓްނެސް އާއި ގުޅޭ ގޮތުން ދަތިތަކެއް ދިމާވެދާނެ ކަމަށް ބެލެވޭތީއެވެ. ފީފާއިން ބުނީ މެޗު ކުރިއަށްދާއިރު ކުޅުންތެރިން ބަދަލުކުރުމުގައި އެންމެ ގިނަވެގެން ބޭނުން ކުރެވޭނީ 3 ސްލޮޓް ކަމަށެވެ. އަދި ބޭނުން ނެތް ގޮތެއްގައި މެޗުގެ ތެރެއިން ހުއްޓުންތައް ނުގެނައުމަށް ހާފްޓައިމްގައި ކުޅުންތެރިން ބަދަލުކުރެވިދާނެ ކަމަށެވެ.
ފީފާއިން ބުނީ މިގޮތަށް އަމަލު ކުރެވޭނީ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަންގެ ބޯޑުން މި ހުށަހެޅުން ގަބޫލުކުރުމުން ކަމަށެވެ. އެއަށްފަހު ޕްރިމިއާ ލީގާއި ބުންޑަސްލީގާ ފަދަ ލީގުތަކުން ބޭނުން ނަމަ ފީފާގެ މި ހުށަހެޅުމާއި އެއްގޮތަށް ސަބްސްޓިޓިއުޓް ޕްލޭޔަރުންގެ ގޮތުގައި ކޮންމެ މެޗެއްގައި 5 ކުޅުންތެރިން ބަދަލުކުރެވިދާނެ ކަމަށެވެ.
ފީފާގެ ސްޕޯކްސްޕާސްން ވިދާޅުވީ އަލުން ސީޒަންތައް ފެށޭއިރު ދާނީ ވަރަށް ތާށިކޮށް ކަމަށާއި، އެއް މުބާރާތަށްފަހު އަނެއް މުބާރާތް ފަށާނެ ކަމަށް ބެލެވޭތީ ކުރިޔަށްވުރެ ކުޅުންތެރިންނަށް އޮތް ރިސްކު ބޮޑުވާނެ ކަމަށެވެ. އެގޮތުން ކުޅުންތެރިންނަށް މާގިނަ މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން އިންޖަރީތައް ދިމާވުންފަދަ ކަންކަން ކުރިމަތިވާނެ ކަމަށެވެ.
ސްޕޯކްސްޕާސަން ވިދާޅުވީ އެ އިދާރާއިން އެންމެ އިސްކަންދޭނީ އެއް ކަމަކީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.
އެހެންކަމުން ކުޅުންތެރިންނަށް އެއްފަހަރާ މާގިނަ މެޗުތައް ކުޅެން ޖެހުމުން ދިމާވާނެ އުނދަގޫތަކަށް ލުޔެއް ދިނުމުގެ ގޮތުން ފީފާއިން ނިންމާފައިވަނީ ވަގުތީ ގޮތުން ބަދަލު ކުޅުންތެރިންގެ ގޮތުގައި ފަސް ކުޅުންތެރިން ބޭނުން ކުރެވޭ ގޮތް ހެދުމަށަށް ކަމަށް ފީފާއިން ބުނެއެވެ. ފީފާގެ މި ނިންމުމަކީ ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ މި ހާއްސަ ހާލަތުގައި އެކަނި ބޭނުން ކުރެވޭނެ އުސޫލެކެވެ.
މިހާރު ބެެލެވޭ ގޮތުގައި ބައެއް މުބާރާތްތައް ފެށޭނީ ނުވަތަ ނިމޭނީ 2020 ނުވަތަ 2021 ގައި ކަމަށްވާތީ ފީފާގެ މި ނިންމުމަށް 2021 ގައިވެސް އަމަލުކުރެވޭނެ ކަމަށް ފީފާއިން ބުނެއެވެ.