News
ކުޅުންތެރިން ހަރަކާތްތެރި އުޅުމަށާއި ފިޓްނެސް ހިފެހެއްޓުމަށް އެދެން: ބައްސާމް
27 އޭޕްރިލް 2020
ކޮރޯނާވައިރަސްގެ ސަބަބުން ކުޅިވަރުގެ ހުރިހާ ހަކަރާތްތައް މެދު ކަނޑާލާފައިވީނަމަވެސް ކުޅުންތެރިން ހަރަކާތްތެރިވެ އުޅުމަށާއި ފިޓްނަސް ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދިވަޑައިގެންފިއެވެ.
އެފްއޭއެމުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ބައްސާމްގެ ހާއްސަ މެސެޖެއްގައި ބުނެފައިވަނީ ހުރިހާ ކުޅުންތެރިންވެސް އެންމެ މުހިންމު އިސްކަމެއް ދޭންވީ ޕޮސިޓިވްކޮށް ތިބުމަށާއި ފިޓްނެސް ހިފެހެއްޓުމަށާއި އަލުން ކުޅެން ނިކުތުމަށް ތައްޔާރަށް ތިބުމަށް ކަމަށެވެ.
ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ކޮންމެ ކުޅުންތެރިއަކަށްވެސް ތަފާތު ދެއްކޭނެ ކަމަށާއި މިބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެންމެން މިވަނީ އެކުއެކީގައި ކަމަށްވެސް ބައްސާމްގެ މެސެޖްގައިވެއެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ހަރަކާތްތައް މެދު ކަނޑާލީ ކޮރޯނާވައިރަސް ފެތުރެމުންދާތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެފްއޭއެމުން ވަނީ 2019/2020 ސީޒަންގެ ނިންމާލާފައެވެ.