News

ޖޫންގައި ޕްރިމިއާ ލީގް ފެށޭތޯ ބަލަނީ

26 އޭޕްރިލް 2020






ކޮރޯނާވައިރަސްގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު ޖޫން 8 ން ޖުލައި 17 އަށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރިމިއާ ލީގު ފުރިހަމަ ކުރުމަށް ޖޫން 8 ގައި ލީގު ފެށުމަށް ހަމަޖެހިފައިވަނީ ހުރިހާ މެޗެއްވެސް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށެވެ. އަދި ދަނޑަށް ވަނުމުގެ ހުއްދަ ދެވޭނީ ޓިމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން މީޑިއާތަކުން ހުއްދަދޭ ވަކި އަދަދެއްގެ ބަޔަކަށް އެކަންޏެވެ.

އެންމެ ގިނަވެގެން ދަނޑަށް ވަދެވޭނީ 400 މީހުން ކަމަށް ޕްރިމިއާ ލީގުން ކަނޑައަޅާފައިވާ ކަމަށާއި، ކޮންމެ މީހަކުވެސް ދަނޑަށް ވަނުމުގެ ކުރިން ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރެވޭނެ ކަމަށާއި ޕޮސިޓިވްވާ އެއްވެސް މީހެއް ދަނޑަށް ނުވައްދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕްރިމިއާ ލީގު ޖޫންގައި ފެށުމަށް ހަދާފައިވާ ޕްލޭންގައިވާގޮތުން ކުޅުންތެރިންގެ މެދުގައި އިޖްތިމާއީ ގައިދުރުކަން ހިފެހެއްޓުމުގެ ގޮތުން ކުރިއަށްވުރެ ގިނަ ޗޭންޖިން ރޫމްތައް ގާއިމް ކުރެވޭނެ އެވެ.

އަދި ކުޅުންތެރިން ޓްރޭނިންތަކަށް އަންނަ އިރުވެސް ފަހަރަކު ކުޅުންތެރިއަކު ވަނުމަށް ޕްރިމިއާ ލީގުން ވަނީ ކަނޑައަޅާފައެވެ. 

ޕްރިމިއާ ލީގު މެދުކަނޑާލިއިރު ބާކީ އޮތީ16 ޓީމަކުން ކުޅެން ޖެހޭ 9 މެޗާއި، ހަތަރު ޓީމަކުން ކުޅެން ޖެހޭ 10 މެޗެކެވެ. މާޗް 13 ގައި ލީގު ހުއްޓާލިއިރު އެއްވަނައިގައި އޮތީ 25 ޕޮއިންޓްގެ ލީޑަކާއި އެކު ލިވަޕޫލެވެ. ލީގު ކަށަވަރުކުރުމަށް ލިވަޕޫލުން އިތުރަށް ހޯދަން ޖެހޭނީ 6 ޕޮއިންޓެވެ. 



Leave a Comment:

Comments will be published after moderation.