News

އާސެނަލް ކުޅުންތެރިން އަންނަ ހަފްތާގައި ފަރިތަކުރުންތަކަށް

26 އޭޕްރިލް 2020






އަންނަ ހަފްތާގައި އާސެނަލްގެ ކުޅުންތެރިންނަށް ފަރިތަކުރުންތަކަށް ޓްރޭނިން ގްރައުންޑަތައް ބޭނުން ކުރުމުގެ ހުއްދަދީފިއެވެ. 

އާސެނަލްއިން ބުނީ ކުޅުންތެރިންނަށް ފަރިތަކުރުންތަކަށް ފުރުސަތު ދޭން ނިންމާފައިވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރާގޮތަށް ކަމަށެވެ.

އެހެންކަމުން ކުޅުންތެރިން ޓްރޭނިންގ ގްރައުންޑަށް ހާޒިރުވާއިރު އިޖްތިމާއީ ގައިދުރުކަން ގެންގުޅެން ޖެހޭ ކަމަށާއި، މިނޫންވެސް ހަރުކަށި ފިޔަވަޅުތަކަށް ކުޅުންތެރިން ބޯލަނބަން ޖެހޭނެ ކަމަށް އާސެނަލް އިން ބުނެއެވެ. 

އާސެނަލްގެ ކުޅުންތެރިންނަށް ފަރިތަކުރުންތަކަށް ބޭނުން ކުރުމަށް ހުއްދަދީފައިވަނީ ކޮލްނީ ޓްރޭނިން ގްރައުންޑެވެ. .ކޮލްނީ ބިލްޑިންގް ހުންނާނީ އެއްކޮށް ބަންދުކޮށްފައެވެ. ކުޅުންތެރިން ފަރިތަކުރުންތަކަށް ވައްދާނީ ވަރަށްމަދު އަދަދަކަށް ކަމަށް އާސެނަލްއިން ބުނެއެވެ.

ކްލޮނީ ބިލްޑިންގަށް ކުޅުންތެރިންނަށް އަންނާނީ އެކަނި ކަމަށާއި، ކޮންމެ ކުޅުންތެރިއަކުވެސް އެކަނި ވޯކްއައުޓްތައް ހެދުމަށްފަހު އެނބުރި ގެއަށްދާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އާސެނަލުން ބުނެއެވެ. 

އާސެނަލަކީ ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ތެރެއިން މުސާރަކުޑަކުރަން އެއްބަސްވި ފުރަތަމަ ކްލަބެވެ. އެގޮތުން ކްލަބުގެ ކުޅުންތެރިންނާ ކޯވު މިކެލް އާޓެޓާވެސް ވަނީ މުސާރައިގެ 12.5 އިންސައްތަ އުނިކުރުމަށް އެއްބަސްވެފައެވެ. 

ރިޕޯޓްތައް ބުނާ ގޮތުން އާސެނަލުން މުސާރައިގެ ގޮތުގައި އަހަރެއްގެ މައްޗަށްގާތްގަނޑަކަށް 268 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރެއެވެ.

ޕްރިމިއާ ލީގު ފެށޭނެ ދުވަހެއް އަދި ޔަގީންވެފައި ނުވާއިރު މުޅި އިނގިރޭސިވިލާތުވެސް އޮތީ ލޮކްޑައުން ކޮށްފައެވެ. އަދި އެގައުމުގެ ކުޅިވަރުގެ ހުރިހާ ހަރާކާތްތަކެއްވަނީ މެދު ކަނޑާލާފައެވެ. 

 



Leave a Comment:

Comments will be published after moderation.