News
ޗައިނާގެ ކުލަބަކުން ދުނިޔޭގެ އެންމެ ބޮޑު ސްޓޭޑިއަމް އަޅަނީ
22 އޭޕްރިލް 2020
ކޮރޯނާވައިރަސްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ޗައިނާއިން ބުނެފައިވާ މި ދަނޑިވަޅުގައި އެގައުމުގެ ފުޓްބޯޅަ ކްލަބަކުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމް އެޅުމަށް މަސައްކަތް ފަށައިފިއެވެ.
ގުއަންޖޯ އެވަގްރޭންޑޭ ކްލަބުން ބުނެފައިވަނީ އެ ކުލަބުން ޗައިނާގައި އިމާރާތް ކުރުމަށް މަސައްކަތް ފަށާފައިވާ ސްޓޭޑިއަމަކީ ގާތްގަނޑަކަށް 1.7 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ، 100،000 މީހުންގެ ޖާގައިގެ ބޮޑު ސްޓޭޑިއަމެކެވެ. ލޮޓަސް މަލެއްގެ ސިފަ ޖެހޭ ގޮތަށް ޑިޒައިންކޮށްފައިވާ މި ސްޓޭޑިއަމަކީ ދުނިޔޭގެ ފެންވަރުގެ މުޅިން އާ ލޭންޑް މާކަކަށް ހެދުމަށް އެކުލަބުން ވަނީ އަމާޒު ހިފާފައެވެ. މ
މިދިޔަ ބުރާސްފަތި ދުވަހު ސްޓޭޑިއަމްގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު މަސައްކަތް ނިންމަން ހަމަޖައްސާފައިވަނީ 2022ގެ ނިޔަލަށެވެ.
މި ސްޓޭޑިއަމަލީ ސިޑްނީ އެޕޭރާ ހައުސް އާއި ބުރުޖް ހަލީފާ ފަދަ ތަންތަނާއި އަޅާކިޔާލެވޭ ވަރުގެ ދުނިޔޭގެ ގިނަ ބަޔަކު އެތަން ބަލާލަން ޒިޔާރަތް ކުރާ ފަދަ ތަނަކަށް ހެދުމަށް ގުއަންޖޯ އެވަގްރޭންޑޭ ކްލަބުން މަސައްކަތް ކުރާނެއެވެ.
މި ސްޓޭޑިއަމްގެ މަސައްކަތް ކުރާ ރިއަލްއެސްޓޭޓް ކުންފުނީގެ ރައީސް ޝިއާ ހައިޖުން ވިދާޅުވީ މިއީ ޗައިނާގެ ފުޓްބޯޅަ ދުނިޔެއަށް ފުޅާވެގެންދާ ކަމުގެ މުހިންމު ރަމްޒެއްކަމަށެވެ.
ގުއަންޖޯ އެވަގްރާންޑޭ އިން 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަނީ 60،000 މީހުންގެ ޖާގައިގެ ޓީއަންހާ ސްޓޭޑިއަމްގައެވެ.
އަލަށް އިމާރާތް ކުރާ މި ސްޓޭޑިއަމްގެ ސަބަބުން 99،354 މީހުންގެ ޖާގައިގެ ބާސެލޯނާގެ ސްޓޭޑިއަމް ނޯ ކޭމްޕް އަށް ވުރެ ބޮޑުވާނެއެވެ. ބާސެލޯނާގެ ސްޓޭޑިއަމަކީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު ސްޓޭޑިއަމެވެ.
ލޮޓަސް މަލެއްގެ ގޮތަށް މި ސްޓޭޑިއަމް ޑިޒައިން ކުރީ ގުއަންޖޯ އަކީ މަލުގެ ސިޓީއެއް ގޮތަށް ސިފަވެފައި އޮންނަ ސިޓީއަކަށްވާތީ އެވެ. މި ސްޓޭޑިއަމް ޑިޒައިން ކުރީ ޝަންހާއީގައި މަސައްކަތް ކުރާ އެމެރިކަން ޑިޒައިނަރެއް ކަމުގައިވާ ހަސަން ސަޔެދް އެވެ. މި ޑިޒައިނަކީ އެވަގްރޭންޑޭ ގްރޫޕްގެ ޗެއާމަން ޝޫ ޖިއަންގެ ވިސްނުންފުޅެއްގެ މައްޗަށް ބިނާކޮށްފައިވާ ޑިޒައިނެކެވެ.