News

ނިއުކާސަލް ޑީލާއި މެދު އެމްނެސްޓީން ކަންބޮޑުވުން ފާޅުކޮށްފި

22 އޭޕްރިލް 2020






ސައުދީއަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުވެސް ކޮންސޯޓިއަމަކަށް ނިއުކާސަލް ވިއްކާލާއިރު އިންސާނީ ހައްގުތަކާއި ގުޅޭ ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ފާހަގަކޮށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އިިންޒާރުދީފިއެވެ. 

އެމްނެސްޓީ އިންޓަނޭޝަނަލުން ފްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗަޑް މާސްޓާސް އަށް ފޮނުވާފައިވާ ސިޓިއެއްގައި ޕްރިމިއާ ލީގުގެ ވެރިންނާއި ޑިރެކްޓަރުންގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނޭނެ އިރު އެގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާއި މެދު ވިސްނަންޖެހޭ ކަމަށެވެ.

މާސްޓާސް އަށް އެމްނެސްޓީން ފޮނުވި ސިޓީގައި އެމްނެސްޓީގެ އިނގިރޭސިވިލާތުގެ ޑިރެކްޓަރ ކޭޓް އެލެން ވިދާޅުވެފައިވަނީ  ނިއުކާސަލް ޑީލްގައި ޕްރިމިއާ ލީގުން އެޑްރެސް ކުރަން ޖެހޭ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ނިއުކާސަލް ޑީލްގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ޕްރިމިއާ ލީގަށް ގޮވާލާ ކަމަށެވެ.

އެލެން ފާހަގަ ކުރައްވާފައިވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ނިއުކާސަލް ބައްލަވައިގަތުމަށް ބޭނުން ކުރައްވަނީ ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުގެ ފައިސާ ކަމަށެވެ.

އެ ފަންޑުގައި މިހާރުވެސް 260 ބިލިއަން ޕައުންޑް ހުރިއިރު މިއީ ޕްރިމިއާ ލީގުގައި ނިއުކާސަލް ނޫން އެހެން ހުރިހާ ޓީމެއްގެ މިލްކިއްޔާތަށްވުރެ ބޮޑު އަދަދެކެވެ. ނިއުކާސަލްގެ މިހާރުގެ ވެރިޔާ މައިކަލް އެލިޝް އަށް މުހައްމަދު ބިން ސަލްމާންވަނީ ކްލަބުގެ ހަރަދުތަކަށް ހޭދަކުރުމަށް 17 މިލިއަން ފައުންޑް ދީފައެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ކުރިންވެސް ނިއުކާސަލް ބައްލަވައިގަތުމަށް މަސައްކަތްޕުޅު ކުރައްވާފައެވެ. އެހެންނަމަވެސް އޭރު އެކަން ކާމިޔާބު ނުވީ ސައުދީގެ ނޫސްވެރިހާ ޖަމާލް ހާޝޮއްޖީ ތުރުކީގައި ހުންނަ ސައުދީ އެމްބަސީގައި ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމާއި ގުޅިގެން އެކަމުގައި މުހައްމަދުބިން ސަލްމާންގެ މައްޗަށް ކުރެވުނު ތުހުމަތު ތަކާއި ގުޅިގެންނެވެ.

300 މިލިއަން ޕައުންޑަށް ނިއުކާސަލް ގަންނަން ހުށަހެޅީ އަމަންޑާ ސްޓަވިލީސް ޕީސީޕީ ކެޕިޓަލް ޕާޓްނާސް އިންނެވެ. އަމަންޑާއަށް ނިއުކާސަލް ޑިލް ކާމިޔާބު ވެއްޖެ ނަމަ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ކުލަބުގެ 80 އިންސައްތަ ހިއްސާ ލިބޭނެއެވެ. ބާކީ 20 އިންސައްތަ ހިއްސާ ބެހިގެންދާނީ އަމަންޑާއާއި ރިއުބެން ބްރަދާސްއަށެވެ. 

އެމްނެސްޓީން ތުހުމަތު ކުރާ ގޮތުގައި ސައުދީން އިސްވެ ކުޅިވަރަށް ފަންޑުކުރަނީ އެގައުމުން ހިންގާ އިންސާނިއްޔަތާއި ހިލާފު އަމަލުތައް ފޮރުވުމުގެ ގޮތުންނެވެ. އެހެންކަމުން ޕްރިމިއާ ލީގުން ސައުދިއަށް ފުރުސަތުދީފިނަމަ ލީގާމެދު ގިނަބައެއްގެ މެދުގައިވާ އިތުބާރު ގެއްލި ނުރުހުން އަމާޒުވާނެ ކަމަށް އެމްނެސްޓީން ބުނެއެވެ.  

 



Leave a Comment:

Comments will be published after moderation.