News

މުސާރަކުޑަކުރަން އާސެނަލްގެ އޮޒިލް އެއްބަހެއް ނުވި

22 އޭޕްރިލް 2020






ހަފްތާއަކު އާމްދަނީގެ ގޮތުގައި 350،000 ޕައުންޑް ލިބޭ މެސުތް އޮޒިލް އާއި އާސެނަލްގެ އިތުރު ދެ ކުޅުންތެރިއަކު މުސާރަ ކުޑަކުރުމާއި ދެކޮޅު ހަދައިފިއެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ކުލަބަށް ދިމާވާނެ މާލީ ގެއްލުންތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މުސާރަ ކުޑަކުރިކަން އިއުލާނުކުރި ޕްރިމިއާ ލީގުގެ ފުރަތަމަ ޓީމު ކަމުގައިވާ އާސެނަލް އިން ހޯމަ ދުވަހު ބުނެފައިވަނީ ކުޅުންތެރިންނާ ކޯޗިން ސްޓާފުންގެ މުސާރައިން 12.5 އިންސައްތަ އުނިކުރަން ނިންމާފައިވާކަމަށެވެ.

މުސާރަ ކުޑަކުރުމަށް އާސެންލް އިން ނިންމީ ކޮވިޑް-19 ފެތުރޭތީ ކްލަބަށް ދިމާވާނެ މާލީ ގޮންޖެހުންތައް ހައްލުކުރުމަށެވެ. ކޮވިޑް-19 ގެ ސަބަބުން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލާފައިވާއިރު އާސެނަލްގެ ކޯޗު މިކެލް އާޓެޓާވެސް ވަނީ މުސާރަކުޑަކުރުމަށް ކުލަބުން ނިންމި ނިންމުމަށް އެއްބަސްވެފައެވެ.

އާޓެޓާއަކީ އެ މީގެ ހަ ހަފްތާ ކުރިން ކޮވިޑް-19 ޖެހިގެން ފަރުވާހޯދި މީހެކެވެ. މިހާރު ބަލިން ފަސޭހަވެފައިވާ އާޓެޓާ ވަނީ މުސާރަ ކުޑަކުރުމަށް ކުރެވުނު މަޝްވަރާތަކުގައިވެސް އިސް ދައުރެއް އަދާކޮށްފައެވެ. 

އެހެންނަމަވެސް އާޓެޓާއަށް ކްލަބުގެ ނިންމުމަށް އޮޒިލް އެއްބަހެއް ނުކުރެވުނެވެ. އެހެންނަމަވެސް އޮޒިލް ބުނީ އެހެންކުޅުންތެރިންގެ ނިންމުމަށް އިހްތިރާމުކުރާނެ ކަމަށެވެ. އަދި އޭނާއެކޭ އެއްފަދައިން އެހެން ކުޅުންތެރިން މުސާރަ ކުޑަކުރުމަށް އެއްބަސް ނުވުމަށްވެސް އޭނާ އެދުނެވެ.

އާސެނަލްގެ މިޑްފީލްޑަރ 31 އަހަރުގެ އޮޒިލް އަކީ ހަފްތާއަކު 350،000 ފައުންޑްގެ އާމްދަނީއެއް ލިބޭ ކުޅުންތެރިއެކެވެ. މުސާރަ ކުޑަކުރަން އެއްބަސްވިނަމަވެސް ޓެކްސްއާއި ނުލާވެސް އޭނާއަށް ގެއަށް ގެންދަން ހަފްތާއަކަށް ލިބޭ އާމްދަނީ 306،000 އަށް އަރައެވެ.   

އެހެންނަމަވެސް އޮޒިލް ބޭނުންވަނީ ކްލަބުން އޭނާއަށް ފުލް މުސާރަ ދިނުމަށެވެ. އޮޒިލްގެ އެޖެންޓް ވަނީ މިކަމާއި ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދެކުމަށް ދެކޮޅު ހަދާފައެވެ.

އޮޒިލްގެ އެޖެންޓް ބުނީ ކުލަބުތަކަށް ދިމާވާނެ ސީދާ މާލީ ގެއްލުމަކީ ކޮބައިކަމެއް އަދި ނޭންގޭ ކަމަށާއި، އެކަން އިނގޭނީ ތިނެއް ނުވަތަ ހައެއްކަ މަސްވަރު ފަހުން ކަމަށެވެ. 

އޮޒިލް އަކީ ޗެރިޓީތަކަށް ގިނައަދަދެއްގެ ފައިސާ ހޭދަކުރާ ކުޅުންތެރިއެވެ. އެގޮތުން އޭނާ ވަނީ ތުރުކީ އާއި ސީރިއާގެ 16 ރެފިއުޖީ ކޭމްޕެއްގައި ތިބި 100،000 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އަދި އޮޒިލް އާއި އޭނާގެ އަންހެނުން ވަނީ 1000 ކުޑަކުދިންނަށް އެކުދިންގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާވަރުގެ ބޮޑެތި ސާޖަރީތަކެއް ހެދުމަށްވެސް އެހީތެރިވެދީފައެވެ. އަދި 2014 ގައި ވޯލްޑް ކަޕް ކާމިޔާބުވުމާއި ގުޅިގެން އޭނާ ވަނީ ބްރެޒިލްގެ 23 ކުޑަކުދިންނަށް ބޭނުންވާ އޮޕަރޭޝަންތަކެއް ކުރުމަށް 240،000 ޕައުންޑް ހަދިޔާކޮށްފައެވެ.

ހޯމަ ދުވަހު އާސެނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުލަބުން ކުޅުންތެރިންނާއި ކޯޗު އަދި ބައެއް ސްޓާފުންގެ މުސާރައިން 12.5 އިންސައްތަ އުނިކުރަން ނިންމި ނިންމުން މިމަހުން ފެށިގެން ތަންފިޒު ކުރާނެ ކަމަށެވެ. އެކަމާއި ގުޅޭ ލިޔެކިއުންތައް ކުރިޔަށް ހުރި ހަފްތާތަކުގެ ތެރޭގައި ތައްޔާރު ކުރާނެ ކަމަށާއި، މި ސީޒަނުގައި ކްލަބުން އަމާޒު ހިފާފައިވާ ލަނޑުދަނޑިތައް ހާސިލްވެއްޖެނަމަ ކުޅުންތެރިންނަށް މުސާރައިން އުނިކުރި ބައި ދޭނެ ކަމަށްވެސް އާސެނަލުން ބުނެފައިވެއެވެ.



Leave a Comment:

Comments will be published after moderation.