News

ސްޕެނިޝް ލީގުގެ ޓީމުތަކަށް ފަރިތަކުރުންތަކަށް ހުއްދަދީފި

21 އޭޕްރިލް 2020






ކޮރޯނާވައިރަސްގެ ސަބަބުން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގުގެ ކްލަބުތަކުގެ ފަރިތަކުރުންތައް އަލުން ފެށުމަށް ލަލީގާ އާއި ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ހުއްދަދީފިއެވެ. 

މުއްދަތެއް ނެތް ގޮތަށް ސްޕެނިޝް ލީގު މެދުކަނޑާލާފައިވާއިރު ސްޕެއިންގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުވެސް ލޮކްޑައުން ކުރިއެވެ. އަދި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލާ އިޖްތިމާއީ ގައިދުރުކަން ހިފެހެއްޓުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.

ސްޕެނިޝް ލީގުގެ ކުލަބުތަކަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިއުމުގެ ހުއްދަދިނީ ޕްރެކްޓިސްގައި ކްލަބުތަކުން އެގައުމުގެ ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ ޕްރޮޓޮކޯލް އާއި އެއްގޮތަށް ގަވާއިދުތަކަށް އަމަލުކުރުމަށް ޝަރުތުކުރުމަށްފަހުއެވެ. އެގޮތުން އިޖްތިމާއީ ގައިދުރުކަން ހިފަހައްޓާ ކުޅުންތެރިން ގާތްގާތުގައި ފަރިތަކުރުންތަކުގައި ބައިވެރިނުވުމަށް ހެލްތް މިނިސްޓްރީން ވަނީ ޓީމުތަކަށް އަންގާފައެވެ. 

ފަރިތަކުރުންތައް ފެށުމަށް ހުއްދަދިންކަމުގައިވިޔަސް ފަރިތަކުރުންތައް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް ނުވަތަ ގަޑިތަކެއް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ކަނޑައަޅާފައެއް ނުވެއެވެ. އެ ފެޑެރޭޝަނުން ބުނީ ފަރިތަކުރުންތައް ކުރިޔަށް ގެންދެވޭނީ ކޮރޯނާވައިރަސްގެ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައިގެން ކަމަށެވެ. 

ސްޕެނިޝް ލީގުގެ ޓީމުތަކަށް ފަރިތަކުރުންތައް ހުއްދަދިނުމާއި ގުޅޭ މަޝްވަރާތަކުގައި ފެޑެރޭޝަނާއި ލަލީގާ އިން ވަނީ ސަރުކާރާއެކު ހަފްތާބަންދުގައި 8 ގަޑިއެއްހާއިރު މަޝްވަރާކޮށްފައެވެ.

ސްޕެނިޝް ލީގް ފެށޭނެ ކަމަށް ލަލީގާއިން މިހާރު ލަފާކޮށްފައިވަނީ މެއިމަހުގެ ފަހުކޮޅެވެ. މޭމަހުގެ ފަހުކޮޅު ނުވަތަ އެއަށްވުރެ ކުރިން ލީގު ފެށުނުކަމުގައިވިއަސް މެޗުތައް ކުޅޭނީ ސްޓޭޑިއަމްތައް ހުސްކޮށް ސަޕޯޓަރުންނާ ނުވައްދައެވެ. ސްޕެއިންގެ ކްލަބުތަކުގެ ފަރިތަކުރުންތަކަށް ހުއްދަދިންއިރު ޖަރުމަނު ލީގުގެ ކުލަބުތަކުންވެސް ވަނީ ފަރިތަކުރުންތައް ފަށާފައެވެ. 

ސްޕެއިންގެ ސަރުކާރުން ބުނީ ފުޓްބޯޅަ ޓީމުތަކުން ޓީވީ ރައިޓްސްއަށް ހޭދަކުރާ ފައިސާގެ ދެބައިކުޅަ އެއްބައި އެގައުމުގެ އެހެން ކުޅިވަރުތަކަށް އެހީވުމަށް ހޭދަކުރުމަށް ފެޑެރޭޝަންނާއި ލީގުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެހީތެރިކަމަށް ބޭނުންވާ އެތްލީޓުންނަށް އެހީވުމަށް އެގައުމުން 10.8 މިލިއަން ޑޮލަރުގެ ކޮންޓިންޖެންސީ ފަންޑެއް ހުޅުވާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. 

ސްޕެއިން އަކީ ކޮރޯނާވައިރަސްގެ ހާލަތު އެންމ ގޮސްވި ގައުމުތަކުގެ ތެރެއިން އެއްގައުމެވެ. އެގައުމުގައި ވައިރަހަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 200،210 އަށް އަރާފައެވެ. ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 20،800 އަށް އަރާފައެވެ.

 



Leave a Comment:

Comments will be published after moderation.