News
ވޫހާންގެ ފުޓްބޯޅަ ޓީމް 104 ދުވަހަށްފަހު ވޫހާނަށް އަތުވެއްޖެ
21 އޭޕްރިލް 2020
ޗައިނާގެ ސުޕަ ލީގުގައި ހިމެނޭ ވޫހާން ޒާލް ފުޓްބޯޅަ ޓީމް ވޫހާންއަށް ނާދެވި ގައުމުން ބޭރުގައި 104 ދުވަހު ތިބުމަށްފަހު ވޫހާން އަށް އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ޒާލްގެ ކުޅުންތެރިންނަށް ވޫހާން އަށް ނާދެވި ތާށިވެފައިތިބީ ސްޕެއިން އާއި ޖާމަނީގައެވެ. ޖެނުއަރީގައި ވޫހާންގައި ކޮރޯނާވައިރަސްގެ ހާލަތު ގޯސްވިއިރު ވޫހާންގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ތިބީ ވިންޓާ ޓްރޭނިން ކޭމްޕަށް ގޮސް ސްޕެއިންގައެވެ. އޭގެ ފަހުން ޖާމަނީގައި ދިގުމުއްދަތެއްގައި މަޑުކުރުމަށްފަހު ޗައިނާގެ ޝެންޒެންއަށް އައީ 16 މާޗްގައެވެ. އެއަށްފަހު ހޮނިހިރު ދުވަހާއި ހަމައަށް ތިބީ ކަރަންޓީނުގައި ޝެންޒެންގައެވެ.
ހޮނިހިރު ދުވަހުގެ ރޭ ޓްރެއިންގައި ވޫހާން ދިއުމުން އެޓީމުގެ ސަޕޯޓަރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ޒާލް އިން ބުނީ ވޫހާންއަށް ނާދެވި ތިން މަހަށްވުރެ ގިނަ ދުވަހު ތިބެންޖެހުމުން ގައުމު މަތިން ވަރަށް ހަނދާވި ކަމަށެވެ.
ޒާލްގެ ސަޕޯޓަރުންތިބީ އެޓީމުގެ ކުލަ ކަމުގައިވާ އޮރެންޖް ކުލައިގެ ހެދުމުގައި ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ލިޔެފައިވާ ޝުއޫރުތައް ހިމެނޭ ބެނާތަކާއި ފޮތިގަނޑުތައް ހިފައިގެންނެވެ.
ޖެނުއަރީގައި އެޓީމުން ސްޕެއިންއަށް ދިޔައީ ސްޕަ ލީގަށް ތައްޔާރުވުމުގެ ގޮތުންނެވެ. އޭގެފަހުން ތިން މަސްދުވަހަށްވުރެ ގިނަ ދުވަހު ގައުމަށް ނާދެވި ތިބެން ޖެހުނީ ވޫހާން ބަންދުކޮށްފައި އޮތުމާއި ފްލައިޓްތަކާއި ޓްރޭން ދަތުރުތައްވެސް މެދު ކަނޑާލާފާއި އޮތުމުގެ ސަބަބުންނެވެ. ޓީމުގެ ކޯޗުބުނީ ކުޅުންތެރިން އާއިލާއާއި އެކު ވަގުތު ހޭދަންކޮށްލުމަށް ފުރުސަތުދިނުމަށްފަހު އަނެއްކާވެސް ަަަަަަަަަަަަަަޓްރޭނިންތައް ފަށާނެކަމަށެވެ.
ޗައިނާގެ ސުޕަ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ ޖޫން ފަހުކޮޅު ނުވަތަ ޖުލައި ކުރީކޮޅަށެވެ.