News
އިންޓަރ ސްކޫލް މުބާރާތްތަށް އަންނަ މަހު ފަށަނީ؛ ވަރުގަދަ ޓީމްތަށް އެއް ގްރޫޕެއްގައި އަރަމުން އަންނަ މޮޅު ކޯޗުންނާއެކީ!
22 ފެބްރުއަރީ 2019
އަންނަ މަހު އިންޓަރ ސްކޫލް މުބާރާތްތައް ފެށުމަށް އެފް.އޭ.އެމްގެ އިތުރަށް ވާދަކުރާ ސްކޫލް ޓީމްތަށް އަންނަނީ ހަލުވި ކަމާއެކީ ތައްޔާރު ވަމުންނެވެ.
މުބާޜާތްތަކުގެ ގުރުލުން ކުރިއަށް ގެންގޮސްފައިވާއިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އިންޓަރ ސްކޫލް ފުޓުބޯޅައިގެ ގަދަބާރުތަކުގެ ގޮތުގައި އަހަރުތަކެއް ވަންދެން ބެލެވިފައިވާ ޓީމްތައް މިއަހަރު އެއް ގްރޫޕެއްގައި ހިމެނޭ ކަމެވެ. އެގޮތުން ބަލާއިރު އެންމެ ފޯރިގަދަކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްދާ 15 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސީ ފާހަގަ ކޮށްލެވެއެވެ. އެ ގްރޫޕުގައި އިންޓަރ ސްކޫލް މުބާރާތްތަކުގެ ގަދަބާރުތައް ކަމުގައިވާ މަޖީދިއްޔާ، މުހިތްދީން، އަހްމަދިއްޔާ ހިމެނެއެވެ. ދެން އެ ގްރޫޕުގައި ހިމެނެނީ އަމީނިއްޔާއެވެ.
އެ އުމުރުފުރާގެ ދެންހުރި ގްރޫޕްތަކަށް ބަލާއިރު ގްރޫޕް އޭގައި ވަނީ މުޅިން އަލށް ވާދަކުރާ ހުރަވީ، ތާޖުއްދީންގެ އިތުރުން ކުރީގެ އިންޓަރސްކޫލް މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކާފައިވާ ޖަމާލުއްދީން އަދި ޣާޒީ ސްކޫލެވެ. ދަރުމަވަންތަ ހިމެނެނީ ކ.ގުޅީ ސްކޫލް، ކަލާފާނު އަދި ހިރިޔާއާއެކީ ގްރޫޕް ބީގައެވެ. ގްރޫޕް ޑީއަކީވެސް ބަލާނުލާ ދޫކޮށްލެވޭފަދަ ގްރޫޕެއް ނޫނެވެ. އެ ގްރޫޕްގައި ހިމެނެނީ މުބާރާތުގެ އެތަށް ފައިނަލެއް ކުޅެފައިވާ އިސްކަންދަރުގެ އިތުރުން ވަރުގަދަކަމަށް ފެންނަ އިމާދުއްދީނެވެ. ދެން އޮތީ އެ ގްރޫޕުގައި ރެހެންދި ސްކޫލެވެ.
މި އުމުރުފުރާގެ ޓީމްތަކުގެ ތެރެއިން މަޖީދިއްޔާ އަދި އިމާދުއްދީންވަނީ ނިމިގެންދިޔަ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި ފާހަގަ ކޮށްލެވުނު މޮޅު ދެ ކޯޗުން އެ ސްކޫލްތަކުގެ ކޯޗުންގެ ގޮތުގައި ހަމަޖައްސާފައެވެ. އެގޮތުން އެންމެ ވަރުގަދަ ކަމަށް ބެލެވޭ ގްރޫޕް ބީގައި ހިމެނޭ މަޖީދިއްޔާއިން ވަނީ ކުރީގެ އިމާދުއްދީން ކޯޗް އަދި ޔޫތު މުބާރާތުގައި ޔުނައިޓެޑް ވިކްޓަރީއަށް ކޯޗް ކޮށްދިން މުއާވިޔަތު އިލްހާމް އެ ޓީމްގެ ކޯޗް ކަމަށް ހަމަޖައްސާފައެވެ. "ތަށި ހޯދަން މިނިކުންނަނީ"، ބޯޅަޑޮޓްއެމްވީއާ ވާހަކަ ދައްކަމުން އިލްހާމް ބުންޏެވެ. އިމާދުއްދީންއިން ހަމަޖައްސާފައިވަނީ ޔޫތު މުބާރާތުގެ ތަށި ނެގި އީގަލްސްގެ ކޯޗް އިބްރާހިމް ސައީދު (ކަކާ) އެވެ. ކަކާއަކީ 2011ވަނަ އަހަރު އޭނާގެ ކޯޗްކުރުމުގެ ހަޔާތް ޤިޔާސުއްދީނާއެކު ފެށި ކޯޗެކެވެ. އޭނާވަނީ 2015ވަނަ އަހަރު އިމާދުއްދީން ފައިނަލްގައި ބަލިކޮށް މުހިތްދީންއަށް އިންޓަރ ސްކޫލް ތަށި ހޯދައިދީފައެވެ. އަދި 2017ވަނަ އަހަރު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށްވެސް 18 އަހަރުން ދަށުގެ އިންޓަރސްކޫލް ތަށި ހޯދައިދީފައެވެ. އަދި މިދިޔަ އަހަރުވެސް އެ އުމުރުފުރާގެ މުބާރާތުގައި ވިލާ ފައިނަލަށް ގެންގޮސްދީފައިވެއެވެ. އެފަހަރު ވިލާ ބަލިވީ ޕެނަލްޓީ ޖަހައިގެންކަން ފާހަގަ ކޮށްލެވެއެވެ. "އަހަރެން މިއައީ ދިވެހި ފުޓުބޯޅައިގެ ކުރިމަގަށް ބިންގާ އެޅުމަށް"، ބޯޅަޑޮޓްއެމްވީއާ ވާހަކަ ދައްކަމުން ކަކާ ބުނެފައިވެއެވެ.
13 އަހަރުން ދަށުގެ މުބާރާތަށް ބަލާލާއިރު އެންމެ ވަރުގަދަ ކަމަށް ބެލެވޭ ގްރޫޕް އޭގައި ހިމެނެނީ މި އުމުރުފުރާގެ އެންމެ ގިނަ ތަށި ނަގާފައިވާ ޓީމް އިސްކަންދަރާއި، މަޖީދިއްޔާ، ދަރުމަވަންތަ އަދި އަރަބިއްޔާއެވެ. ޅ.އަތޯޅު ތައުލީމީ މަރުކަޒާއި، ޖަމާލުއްދީން އަދި އަމީނިއްޔާއާއި މުހިތްދީން ހިމެނެނީ ގްރޫޕް ބީގައެވެ. ގްރޫޕް ސީގައި އަލަށް ވާދަކުރާ ހުރަވީ، އިމާދުއްދީން، ރެހެންދި، ކަލާފާނު އަދި ތާޖުއްދީން ހިމެނޭއިރު ގްރޫޕް ޑީގައި ހިމެނެނީ ހިރިޔާ، ޣާޒީ، ޤިޔާސުއްދީން، ބިލަބޮންގް އަދި އަހުމަދިއްޔާއެވެ.
މުބާރާތުގެ 18 އަހަރުން ދަށުގެ ގިންތި މިއަހަރު ކުޅެވޭނީ ލީގު އުސޫލުންނެވެ. މިދިޔަ އަހަރުތަކާ ޚިލާފަށް މިއަހަރު މިއުމުރުފުރާގައި ޓީމްތަށް ގިނައެވެ. އެގޮތުން 7 ސްކޫލެއް ވާދަ ކުރާނެއެވެ. އެއީ ސީ.އެޗް.އެސް.ސީ، މެޕްސް، ރެހެންދި، ޣާޒީ އަދި މި އުމުރުފުރާގެ ގަދަބާރުތައް ކަމަށްވާ އަހުމަދިއްޔާ އަދި ވިލާއެވެ.
Inter School Football