News

ތުރުކުމެނިސްތާނުން ސަޕޯޓަރުން ވައްދައިގެން ފުޓްބޯޅަ ސީޒަން ފަށައިފި

20 އޭޕްރިލް 2020






މިދިޔަ އާދިއްތަ ދުވަހު ތުރުކުމެނިސްތާނުން އެގައުމުގެ ފުޓްބޯޅަ ލީގު ފަށައިފިއެވެ.

ތުރުކުމެނިސްތާނުން ލީގު ފެށީ ސަޕޯޓަރުން ސްޓޭޑިއަމަށް ވައްދައިގެންނެވެ. އެގޮތުން އާދިއްތަ ދުވަހު ސީޒަން ފެއްޓުމުގެ ގޮތުން ކުޅުނު މެޗަށް 20،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމަށް 300 މީހުން މެޗު ބަލަން ވަނެވެ.

ތުރުކުމެނިސްތާނަކީ ކޮރޯނާވައިރަސްގެ ކޭސްއެއް އަދި ފެނިފައިނުވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއްގައުމެވެ.

މެޗުބަލަން ވަން މީހުންގެ ތެެރެއިން އެއްވެސް މީހަކު މާސްކް އަޅާފައެއް ނުވެއެވެ. އޭއެފްޕީއަށް އިންޓަވިއުދިން 60 އަހަރުގެ މީހަކު ބުނީ އެމީހުން ކޮރޯނާވައިރަހަށް ބިރު ނުގަންނަ ކަމަށާއި، ކުރިޔަށް ހުރި މެޗުތަކަށްވެސް ހާޒިރު ވާން ނިންމާފައިވާ ކަމަށެވެ.

ސެންޓްރަލް އޭޝިއާގައި ގޭހުގެ މުއްސަނދިކަން ލިބިފައިވާ އޮތޯރިޓޭރިއަން ގައުމުއް ކަމުގައިވާ ތުރުކުމެނިސްތާނުން އެގައުމުގެ ފުޓްބޯޅަ ލީގު މިދިޔަ މާޗްމަހު މެދުކަނޑާލީ އެހެންގައުމުތަކުންވެސް ކޮރޯނާވައިރަސްގެ ސަބަބުން ލީގުތައް މެދުކަނޑާލާތީ އެވެ.

އެހެންނަމަވެސް ބައިނަލްއަގްވާމީ ކަންބޮޑުވުންތަކާއެކުވެސް މަހެއްހާ ދުވަސްފަހުން ތުރުކުމެނިސްތާނުން މިވަނީ އެގައުމުގެ ލީގު ފަށާއި ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ހުއްދަވެސް ދީފައެވެ.

އާދިއްތަ ދުވަހުގެ މެޗުބަލަން ހާޒިރުވި ބައެއް މީހުން ބުނީ އެގައުމުގައި ކޮރޯނާ ވައިރަސް ނެތް ކަމަށާއި، އެހެންކަމުން ލީގު ނުފަށަންވީ ސަބަބެއް ނެތް ކަމަށެވެ. 

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކާއި ގިނަ ގައުމުތަކުގެ ސީޒަންތައް މެދުކަނޑާލާފައިވާއިރު ކުރީގެ ސޮވިއެޓް ގައުމުތަކުގެ ތެރޭގައި ހިމެނޭ ތިން ގައުމެއްގައި އަންނަނީ ފޯރިއާއެކު ފުޓްބޯޅަ ކުޅެމުންނެވެ. އެ ތިން ގައުމަކީ ތުރުކުމެނިސްތާން، ތަޖަކިސްތާން އަދި ބެލަރުސްއެވެ. 

ތުރުކުމެނިސްތާނުން ވަނީ އެގައުމުގެ ސުޕާ ކަޕް މެދުކަނޑާ ނުލާ ކުރިޔަށް ގެންގޮސްފައެވެ. އަދި ބެލަރުސްގައިވެސް ފޯރީގައި ލީގު ކުރިޔަށް ގެންދިޔައެވެ. އެހެންނަމަވެސް އެގައުމުން މިހާރު ވަނީ ކޮރޯނާވައިރަސް އާއި ގުޅިގެން އަންހެން ފުޓްބޯޅަ ލީގު ފަސްކޮށްފައެވެ.

ބެލަރުސްގައި މިހާތަނަން ކޮރޯނާވައިރަސްގެ 4،779 ކޭސް ރިކޯޑް ކުރެވިފައިވެއެވެ. އެގައުމުގައި ކޭސްތައް އިތުރުވަމުންދާއިރު ސަޕޯޓަރުން ދަނޑަށް ވައްދައިގެން މެޗުތައް ކުޅޭތީ ބައިނަލްއަގްވާމީ ފާޑުކިއުންތައް ވަރަށް ބޮޑަށް ބެލަރުސްއަށް އަމާޒުވިއެވެ. 

ތުރުކުމެނިސްތާނަކީ ފުޓްބޯޅައަށް މާ ބޮޑު ޝައުގުވެރިކަމެއް ހުންނަ ގައުމެއް ނޫނެވެ. އެހެންކަމުން އާދިއްތަ ދުވަހު އެގައުމުގެ ލީގު ފެށިނަމަވެސް ޓީވީތަކުން ދެއްވީ ފުޓްބޯޅަ މެޗުގެ ބަދަލުގައި ހޭންޑްބޯލް މެޗެކެވެ. 



Leave a Comment:

Comments will be published after moderation.