ރޯމާގެ ކުޅުންތެރިން 4 މަހުގެ މުސާރަ ނުނަގާ ގޮތަށް
20 އޭޕްރިލް 2020
އިޓަލީގެ ރޯމާގެ ކުޅުންތެރިންނާއި އެ ކްލަބުގެ މުވައްޒަފުން 4 މަހުގެ މުސާރަ ނުނަގާ ގޮތަށް އެއްބަސްވެއްޖެއެވެ.
ރޯމާގެ ކޯޗު ޕައުލޯ ފޮންސޭކާ އާއި ކުޅުންތެރިން 4 މަހުގެ މުސާރަ ނުނަގާ ގޮތަށް ނިންމީ ނޯޕޭއަށް ފޮނުވާފައިވާ މުއްޒަފުންގެ މުސާރަދިނުމުގައި ދިމާވެދާނެ ދަތިތައް ހައްލުކުރުމުގެ ގޮތުންނެވެ. ކޮރޯނާވައިރަސްގެ ސަބަބުން ކްލަބުތަކަށް ލިބެމުންދާ މާލީ ގެއްލުންތަކުގެ ސަބަބުން ބައެއް ކްލަބުތަކުން އަންނަނީ މުސާރަ ކުޑަކުރަމުންނެވެ. އަދި ފަހުން މުސާރަ ނަގާގޮތަށްވެސް ބައެއް ކުލަބުތަކުގެ ކުޅުންތެރިން ވަނީ ނިންމާފައެވެ.
އެހެންކަމުން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ރޯމާގެ ކުޅުންތެރިންގެ އިތުރަށް އެޓީމުގެ ކޯޗު ޕައުލޯ ފޮންސޭކާ ނިންމީ، އެ ކްލަބުން ނޯޕޭ ލީވްއަށް ފޮނުވަން ނިންމާފައިވާ ބައެއް މުވައްޒަފުންގެ މުސާރަތަށް ކަށަވަރުކުރުމުގެ ގޮތުންނެވެ.
ރޯމާގެ ސީއީއޯ ހުއިޑޯ ފިއެންގާ ވިދާޅުވީ އެޓީމުން އަބަދުވެސް ދައްކަނީ އެކުވެރިކަމުގެ ވާހަކަ ކަމަށެވެ. އަދި ކުޅުންތެރިންނާ ކޯޗާއި ހުރިހާ ސްޓާފުން އަމިއްލައަށް އިސްނަގައިގެން މުސާރަ ކުޑަކުރަން ނިންމި ނިންމުމުން ދޭހަކޮށްދެއްކީ މި ހާލަތުގައިވެސް ޓީމުގެ އެއްބައިވަންތަ ކަން ކަމަށެވެ.
ރޯމާއިން ބުނީ ހަތަރުމަހުގެ މުސާރަ ނުނަގާގޮތަށް ކުޅުންތެރިންނާއި ސްޓާފުން ނިންމި ނަމަވެސް އަލުން ސީޒަން ފަށައިގެން މެޗުތައް ކުޅޭ ނަމަ މުސާރަ ދޭނެ ކަމަށެވެ.
އިޓާލިއަން ސެރީއޭގެ ޓޭބަލްގައި ރޯމާ އޮތީ ފަސްވަނައިގައެވެ. އެހެންކަމުން ރޯމާ އެވަނީ ޔުރޮޕާ ލީގަށް ކޮލިފައިވުމަށް ފަސޭހަ ހިސާބެއްގައެވެ.