News
އިނގިރޭސި ޕްރިމިއާ ލީގު 40 ދުވަހުން ނިންމާލުމަށް މަޝްވަރާ ކޮށްފި
18 އޭޕްރިލް 2020
ކޮރޯނާވައިރަސް އާއި ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުން 40 ދުވަހުގެ ތެރޭގައި ބާކީ މެޗުތައް ކުޅެ ސީޒަން ނިންމާލުމަށް ހުކުރު ދުވަހު މަޝްވަރާ ކޮށްފިއެވެ.
ޕްރިމިއާ ލީގުން ހުކުރު ދުވަހު ޕްރިމިއާ ލީގުގެ ބޯޑުން ކްލަބުތަކާއި އެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި އިނގިރޭސި އެފްއޭގެ ހިޔާލާއި އެއްގޮތަށް 40 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ސީޒަން ނިންމާލުމަށްވަނީ ތާއީދުކޮށްފައެވެ.
ޕްރިމިއާ ލީގުގެ ބާކީއޮތް 92 މެޗު ކުޅުމަށް މަގުފަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރި މި ބައްދަލުވުމުގައި އަލުން ސީޒަން ފަށާނެ ވަކިތާރީހެއް ކަނޑައެއް ނާޅައެވެ. އެހެންނަވެސް 30 ޖޫން އަށް ސީޒަން ނިންމާލުމާއި ގުޅޭގޮތުން ކްލަބުތަކުން މަޝްވަރާ ކުރިއެވެ.
ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ އިނގިރޭސި ޕްރިމިއާ ލީގު މެދު ކަނޑާލީ މާޗް 13 ގައެވެ. އިނގިރޭސި އެފްއީން މަޝްވާރާ ކުރަމުން އަންނަނީ ސިޒަން ނިންމާލުމުގެ ގޮތުން ސަޕޯޓަރުން ނުވައްދާ ވެމްބްލީ ސްޓޭޑިއަމްގައި ހުރިހާ މެޗެއް ކުޅެ ނިންމާލުމަށެވެ. އިނގިރޭސި އެފްއޭއިން ދެ ޕްރޮޕޯޝަލް އެއް ހުށަހަޅާފައިވާއިރު އެއް ހުށަހެޅުމަކީ 56 ދުވަހުގެ ތެރޭގައި ލީގު ނިންމާލުމަށެވެ. ނުވަތަ 40 ދުވަހުގެ ތެރޭގައި ލީގުގެ ބާކީ މެޗުތައް ކުޅެ ނިންމާލުމަށެވެ.
ގިނަ ކްލަބުތަކުން އެންމެ ރުހޭ ގޮތަކީ 40 ދުވަހުގެ ތެރޭގައި މެޗުތައް ނިންމާލުމަށެވެ. އަވަހަށް ލީގު ނިންމާލުމަށް ކްލަބުތަކުން ތާއީދު ކުރަނީ ޖޫން 30 އަށް ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިން ބައެއް ކްލަބުތަކުގައި ހިމެނޭތީއެވެ.
އެންމެ އަވަހަށްވެސް ޕްރިމިއާ ލީގު ފެށޭނީ އިނގިރޭސި ސަރުކާރުން ހުއްދަ ދިނުމުންނެވެ. ސަރުކާރުން ކުޅިވަރުގެ ހަރަކާތްތަށް މަނާކޮށްފައިވަނީ އެގައުމުގެ ސިއްހީ މާހިރުންގެ ލަފާގެ މަތިން ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.
އިނގިރޭސި އެފްއޭއިން ބުނީ އެންމެ އަވަހަށްވެސް ލީގު ފެށޭނެ ކަމަށް ލަފާކުރެވެނީ ޖޫން މަހު ކަމަށެވެ. އެހެންނަމަވެސް ލީގު އަލުން ފެށޭނީ ސިއްހީ އިދާރާތަކުން ދޭ ލަފާއާއި އިރުޝާދަށް ބެލުމަށްފަހު ކަމަށެވެ.
ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާއިން ވަނީ ޔޫރަފްގެ ގައުމުތަކުގެ ސީޒަންތައް ނިންމާލުމަށް ކޮންމެ ގައުމަކުންވެސް އެދޭ ގޮތުގެ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ވަގުތު ދޭނެ ކަމަށް ބުނެފައެވެ.
މިކަމާއި ގުޅޭ އިތުރު މަޝްވަރާތައް ކުރުމަށް ޔުއެފާއިން އަންނަ ހަފްތާގައި ބައްދަލުވުމެއް ބާއްވާނެއެވެ. މި މަޝްވަރާތަކުގައި ޗެމްޕިއަންސް ލީގު 29 އޮގަސްޓަށް ނިންމާލުމަށްވެސް މަޝްވަރާ ކުރާނެއެވެ.