News

ލީޑްސްގެ ކުރީގެ ތަރި ހަންޓާ ކޮވިޑް-19 ޖެހިގެން މަރުވެއްޖެ

18 އޭޕްރިލް 2020






ލީޑްސް ޔުނައިޓެޑްގެ ލެޖެންޑް ނޯމަން ހަންޓާ ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ. 

 

 އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަނުގައި  މިވަގުތު އޮތް ލީޑްސްގެ އެންމެ ކާމިޔާބު އަހަރުތަކުގައި ހަންޓާއަކީ އެޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އިންގްލޭންޑްގެ ކުރީގެ ޑިފެންޑާ، އުމުރުން 76 އަހަރުގެ ހަންޓާއަށް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ އޭޕްރީލް 10 ގައެވެ. 

 

ހަންޓާގެ މަރާގުޅިގެން ލީޑްސް ޔުނައިޑެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަންޓާގެ މަރަކީ އެ ކްލަބްގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމަށް ފާހަގަކޮށް އޭނާގެ ހުނަރަށް ތައުރީފުކޮށްފައެވެ. އަދި ހަންޓާގެ މަރާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އިނގިރޭސި ވިލާތުގެ ފުޓްބޯޅަ އާއިލާއިން ވަނީ ހަންޓާގެ މަރާ ގުޅިގެން ހިތާމަފާޅުކޮށް ސޯޝަލް މީޑިއާގައި އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. 

 

ހަންޓާއަކީ 1996 ވަނަ އަހަރު އިންގްލޭންޑުން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު އެޓީމުގެ ސްކޮޓްގައި ހިމެނުނު ކުޅުންތެރިއެކެވެ. އެހެންނަމަވެސް އޭނާ އެފަހަރު އެއްވެސް މެޗެއްގައި ބައިވެރިއެއް ނުކުރެއެވެ. ލީޑްސްގެ ޔޫތު ޓީމުން ކެރިއަރު ފެށިއިރު ހަންޓާއަށް ސީނިއާ ޓިމުން ފުރުސަތު ލިބުނީ 1962 ވަނަ އަހަރެވެ. ލީޑްސް އާއި އެކު ހަންޓާވަނީ 540 މެޗު ކުޅެފައެވެ. 14 އަހަރުގެ ދިގު މުއްދަތަކަށް ހަންޓާ ލީޑްސްގެ ސީނިއާ ޓީމަށް ކުޅެދީފައިވާއިރު އެޓީމުން ވަނީ ތިން ފަހަރަށް އިނގިރޭސި އެފްއޭކަޕް ކާމިޔާބުކޮށްފައެވެ.

 

ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުގައި މުއްދަތެއް ނެތް ގޮތަށް ފުޓްބޯޅައިގެ ހަރަކާތްތައް ވަނީ ހުއްޓާލާފައެވެ. އެންމެ ފަހުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެގައުމުގައި ކޮރޯނާވައިަރސް ޖެހިވާ މީހުންގެ އަދަދު ވަނީ 108،692 އަށް އަރާފައެވެ. މަރުވި މީހުންގެ އަދަދު ވަނީ 14،576 އަށް އަރާފައެވެ. 

 



Leave a Comment:

Comments will be published after moderation.