News
މިއީ އަދި ފެށުމެއް – ވިކްޓަރީގެ ރައީސް ނަޝީދު
12 ފެބްރުއަރީ 2019
ވިކްޓަރީ ސްޕޯޓްސް ކްލަބުން ޔޫތު ޗެމްޕިއަންޝިޕް ބަލިނުވެ ނިންމާލުމުން، އެ ޓީމުގެ ރައީސް، ނަޝީދު، ކުޅުންތެރިންނަށް ތައުރީފް ކޮށްފިއެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީ، ޑަ ގްރާންޑޭ އަދި ފޯކައިދޫ ވާދަކުރި ގްރޫޕް އޭގައި މެޗަކުން ބަލިނުވެ ވިކްޓަރީ ނިންމާލިއިރު މިއީ ކްލަބުން ކުރި އުންމީދުތަކަށްވުރެވެސް މާ މަތީ ކުރިއެރުމެއް ކަމަށް ކްލަބުން ބުނެއެވެ. ފޯކައިދޫ މެޗަށްފަހު ކުޅުންތެރިންނާ ވާހަކަ ދައްކަވަމުން ވިކްޓަރީގެ ރައީސް ބުނުއްވީ "އަހަރެމެންގެ އަމާޒަށް ވުރެވެސް މާދުރަށް މުބާރާތުގައި ދެވިއްޖެ. އެންމެން ހީކުރިވަރަށްވުރެ ރަނގަޅަށް ޓީމް މަސައްކަތް ކުރިތަން ފެނުން. މިހިސާބުން ހުއްޓާލަންވީކީއެއް ނޫން. މިއީ އަދި ފެށުމެއް. ޖޫންމަހު ރަނގަޅު ޓިމެއް ނެރެވޭތޯ އެބަޖެހޭ ހިތްވަރާއެކީ މަސައްކަތްކުރަން. ފަރިތަކުރުންތަށް މިހާރުދަނީ ފުދޭވަރަކަށް ރަނގަޅަށް. ދުވުމުގެ މުބާރާތެއް ފަދައިން މިހާރު އަހަރެމެން ގެ އަމާޒު ހުރީ ފިނިޝް ލައިނަށް ބާރު ދުވެލީގައި ދުވެފައި ދިޔުން. އަމިއްލަ ނަފްސަށް ކުރާ އިތުބާރުކުރަން އެބަޖެހޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އާ ހިންގާ ޓީމާއެކީ މިކަން ވާނެ. ރަނގަޅު ފައިޓެއް ދެވޭނެ ފަދަ ޓީމެއް ނެރެމާ ހިނގާ!".
ވިކްޓަރީއަކީ ދިވެހި ފުޓުބޯޅައިގައި އެންމެ ކާމިޔާބު ޓީމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް ފަހަކަށް އައިސް ޓީމް ދައްކަމުން ދިޔަ ދަށް ކުޅުމަށް ޓީމްގެ ކުރީގެ ހިންގުންތެރިންވެސް ޒިންމާވާން ޖެހެއެވެ. އާ ހިންގާ ޓީމަކާއެކީ ކުރިއަށް އޮތް މުބާރާތްތަކާ ކުރިމަތިލާއިރު ވިކްޓަރީ އުންމީދުކުރަނީ ކުރީގެ ވަރުގަދަ ވިކްޓަރީ އަލުން އިޔާދަ ކުރާށެވެ.
ވިކްޓަރީއިން ވަނީ ޔޫތު ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދެއްކި ހަތަރު ކުޅުންތެރިއެއް ސީނިއަރ ޓީމަށް ސޮއި ކުރުވާފައެވެ. ޒުވާން ރޫހާއެކީ ވަރުގަދަކަމާއެކު ވިކްޓަރީ ނިކުންނާނީ ކުރީގެ މޮޅު ވިކްޓަރީ އަލުން ވުޖޫދަށް ގެނައުމުގެ އަޒުމުގައެވެ.
Towards Future Victory Sports Club