News
ބެލަރުސްގެ އަންހެން ފުޓްބޯޅަ ލީގު މެދުކަނޑާލައިފި
16 އޭޕްރިލް 2020
ކުޅުންތެރިންނަށް ކޮރޯނާވައިރަސް ޖެހިދާނެ ކަމުގެ ބިރަށް ބެލަރުސްގައި އަންހެން ފުޓްބޯޅަ ސީޒަން ފެށުން ފަސްކޮށްފިއެވެ.
އެހެންނަމަވެސް ބެލަރުސްގެ ފިރިހެނުން ފުޓްބޯޅަ ލީގަށް މަޑުޖެހުމެއް ނާދެއެވެ.
ދުނިޔޭގެ ފުޓްބޯޅައަށް ހުއްޓުމެއް އައިސްފައިވާ މި ދަނޑިވަޅުގައި ބެލަރުސްގައި ފުޓްބޯޅަ ސީޒަން ހުއްޓާނުލާތީ ބައިނަލް އަގްވާމީ ފާޑިކިއުންތައް އަމާޒުވެފައިވަނިކޮށް އަންހެން ލީގު ފެށުން މެދުކަނޑާލި އިރު އެ ލީގު ފެށުމަށް ކުރިން ހަމަޖެހިފައިއޮތީ ބުރާސްފަތި ދުވަހު އެވެ.
އެހެންނަމަވެސް ބެލަރުސް ސޮކާ ފެޑެރޭޝަން އިން ބުދަދުވަހު ވަނީ އަންހެން ލީގު ފަސްކޮށްފައިވާކަމަށް އިއުލާން ކޮށްފައެވެ. ބެލަރުސް ސޮކާ ފެޑެރޭޝަނުން ބުނީ ވަކިގޮތެއް އަންގަންދެން ލީގު މެދުކަނޑާލާފައިވާ ކަމަށާއި، ބައެއް ކުޅުންތެރިން ކޮރޯނާވައިރަސް ޖެހިފައިވާކަމަށް ބެލެވޭ މީހުންނާއި ބައްދަލުވެފައިވާ ކަމަށެވެ.
ބެލަރުސް އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މިވަގުތު ފުޓްބޯޅައިގެ ހަރަކާތްތައް ކުރިޔަށް ގެންދާ ހަމައެކަނި ގައުމެވެ. އެގައުމުގައި ފިރިހެން ފުޓްބޯޅަ ލީގު ކުރިޔަށްދާއިރު ބެލަރުސްގެ ރައީސް އެލެކްސަންޑަ ލުކަޝެންކޯ ވަނީ އެގައުމު ލޮކްޑައުން ކުރުމާއި މެދު ދެކޮޅު ހައްދަވާފައެވެ.
ބެލަރުސްގެ ސްޕޯޓްސް އެންޑް ޓޫރިޒަމް މިނިސްޓަރ ބުދަ ދުވަހު ބެލަރުސްގެ ޓީވީ ޗެނަލެއްގައި ވިދާޅުވީ ފިރިހެން ފުޓްބޯޅަ ލީގު މެދު ކަނޑާލަން ޖެހޭ ހާލަތެއް އެގައުމުގައި އަދި ނެތް ކަމަށެވެ.
ބެލަރުސްގެ ފުޓްބޯޅަ ސީޒަން ކުރިޔަށް ގެންދާއިރު މިހާރު އެގައުމުުގައި މެޗުތައް ބަލަން ދާ ސަޕޯޓަރުން އަދަދު އަންނަނީ މަދުވަމުންނެވެ. ބެލަރުސްގެ ސްޕޯޓްސް އެންޑް ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ފާއިތުވެދިޔަ ހަފްތާތަކުގައި ފުޓްބޯޅަ މެޗުތައް ބަލަން ސްޓޭޑިއަމަށް އަންނަ ސަޕޯޓަރުންގެ އަދަދު 70 އިންސައްތައަށް ދަށްވެއްޖެ ކަމަށާއި، އެއްވެސް މީހަކަށް މެޗުތައް ބަލަން އަންނަށް މަޖުބޫރު ނުކުރާ ކަމަށެވެ. އަދި ބޭނުން މީހަކު ސްޓޭޑިއަމަށް އައުމާއި ބޭނުން ނޫންނަމަ ގޭގައި ތިބުމަކީ ސަޕޯޓަރުންގެ އިހްތިޔާރުގައިވާ ކަމެއް ކަމަށް މިނސްޓަރ ވިދާޅުވިއެވެ.
ބެލަރުސްގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 3،728 އަށް އަރާފައިވާއިރު 36 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.