News

ގައުމީ ޓީމުގެ ޑިފެންޑަރ ހައިޝަމްގެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

15 އޭޕްރިލް 2020






ގައުމީ ޓިމުގެ ޒުވާން ޑިފެންޑަރ ހަސަން ހައިޝަމްގެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ. 

 

ހައިޝަމް އަކީ ކްލަބު އީގަލްސްގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. ބ. އޭދަފުއްޓަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ހައިޝަމްއަށް އަނިޔާވީ ޖެނުއަރީ 16 ގައި ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެހެންނަމަވެސް އެ މެޗު އޭނާ ފުރިހަމަ ކުރިއެވެ. އަދި އޭގެ ހަތަރު ދުވަސްފަހުން ފޯކައިދޫ އާއި ދެކޮޅަށް އީގަލްސް އިން ކުޅުނު މެޗުގައިވެސް އޭނާ ވަނީ ކުޅެފައެވެ. އެހެންނަމަވެސް މެޗު ނިމުމުގެ ކުރިން އަނިޔާގެ ސަބަބުން ހައިޝަމް ދަނޑުން ބޭލިއެވެ. 

 

ހައިޝަމްގެ ކަނާތު ކަކުލުގެ އޮޕަރޭޝަން ކުރީ އިއްޔެ އޭޑީކޭ ހޮސްޕިޓަލްގައެވެ. ދިވެހި ފުޓްބޯޅައިގެ ބެލެނިވެރި ފަރާތްކަމުގައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ހައިޝަމްގެ އޮޕަރޭޝަނަށްފަހު އަވަސް ޝިފާއަށް އެދޭކަމަށް ވިދާޅުވެ ހައިޝަމްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައެވެ. 

 

އޮޕަރޭޝަނަށްފަހު އަނިޔާއިން މުޅިން ފަސޭހަވެ ތިން މަސްދުވަސް ފަހުން ހައިޝަމް އަށް އަލުން ކުޅެން ނިކުމެވޭކަމަށް ބެލެވެއެވެ. 

 

އީގަލްސް އިންވެސް ވަނީ އެޓީމުގެ ކުޅުންތެރިޔާ ހައިޝަމަށް އަވަސް ޝިފާއަށް އެދި އެ ކްލަބުގެ ފޭސްބުކް ޕޭޖުގައި ހައިޝަމް އޭޑީކޭގައި އޮތް ފޮޓޯއެއް އާންމުކޮށްފައެވެ.



Leave a Comment:

Comments will be published after moderation.