News
އިސްތިއުފާދެއްވި ނާއިބު ރައީސް ރޫސޯޑަށް ފިޔަވަޅު އަޅާނަން: ބާސެލޯނާ
14 އޭޕްރިލް 2020
ދާދިފަހުން އިސްތިއުފާ ދެއްވި ބާސެލޯނާގެ ކުރީގެ ނާއިބުު ރައީސް އަދި ޑިރެކްޓަރުންގެ ބޯޑުގެ ކުރީގެ މެންބަރު އެމިލީ ރޫސޯޑަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.
އިސްތިއުފާ ދެއްވުމަށްފަހު ކްލަބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމިލީ ރޫސޯޑް ވަނީ މިހާރުގެ ބޯޑަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އެގޮތުން ބޯޑު މެންބަރަކު ކްލަބުގެ ފައިސާ އަމިއްލަ ބޭނުމަށް ނަންގަވަމުންދާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މި ވަގުތު ކްލަބު ހިންގަމުންދަނީ ރަނގަޅަށް ނޫން ކަމަށާއި، ކްލަބުގެ ހިންގުން ރަނގަޅުކުރުމަށް ވީ އެންމެ އަވަހަކަށް އިންތިހާބު ބާއްވަންވެސް ބާސެލޯނާއަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ރޫސޯޑްގެ މި ތުހުމަތު ތަކާއި ގުޅިގެން ބާސާއިން ވަނީ އެކަން ކުއްވެރިކޮށް ބަޔާނެއް ނެރެފައެވެ. ބާސާގެ ބަޔާނުގައި ބުނެފައިވަނީ އެއީ ކޮރަޕްޝަނުގެ ސީރިއަސް މައްސަލައެއް ކަމަށެވެ.
އަދި ހާގީގަތެއް ނެތި މިފަދަ ތުހުމަތެއްކޮށް އެފަދަ ވާހަކަތައް އާންމު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު އާއި މެދު ހިތްހަމަ ނުޖެހިގެން ބޮޑެތި ތުހުމަތެއް ކުރުމަށްފަހު ބޯޑުން އިސްތިއުފާ ދެއްވި ހަ މެންބަރުންގެ ތެރޭގައި ރޫސޯޑްގެ އިތުރުން ހިމެނެނީ، އެންރިކޭ ޓޮމްބާސް އާއި ޑިރެކްޓަރުންގެ މަގާމު އަދާކުރައްވާ ސިލްވިއޯ އެލިއަސް އާއި ޖޯސެޕް ޕޮންޓް އާއި ޖޯޑީ ކަލްސަމިޖިލިއާ އަދި މާރިއާ ޓެއިޒިޑޯ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެންމެ ފަހުން މައްސަލަ ގޯސްވީ ޖެހިޖެހިގެން ދެ އަހަރު ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓުމުން ކޯޗު ބަދަލުކުރުމަށް ގިނަ ސަޕޯޓަރުން އެދުމުންވެސް އޭރުގެ ކޯޗު ވަލްވޭޑޭ އެ މަގާމުގައި ބެހެއްޓުމަށް ބާޓޮމެއު ނިންމެވުމުންނެވެ.
ބާޓޮމެއު އާއި މެދު ސަޕޯޓަރުންވެސް ހިތްހަމަ ނުޖެހޭކަން ހާމަކޮށް މިހާރު އަންނަނީ އޭނާގެ އިސްތިއުފާއަށް ގޮވަމުންނެވެ.
އިސްތިއުފާ ދެއްވި މެންބަރުން ތުހުމަތު ކުރައްވާ ގޮތުގައި ބާޓޮމެއޫއާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުގެ އަގު ވައްޓާލުމަށް ބާސެލޯނާއިން ކުންފުންޏެއްގެ އެހީ ހޯދާ ސޯޝަލް މީޑިއާގައި ބާޓޮމެއު ދިފާއުކުރުމަށް ވާހަކަ ދައްކާފައިވެއެވެ.
އަދި ފޭސްބުކް މެދިވެރިކޮށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޖެރާޑް ޕީކޭ އާއި ކުރީގެ ބައެއް ކުޅުންތެރިންގެ އަގު ވައްޓާލުމަށް އަދި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަގު ވައްޓާލުމަށް އެ ކުންފުނިން މަސައްކަތް ކުރިކަމަށް ތުހުމަތު ކުރެއްވިއެވެ.
އެހެންނަމަވެސް ބާސެލޯނާއިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.