News
ޕްރިމިއާ ލީގު: ދުވާލަކު ހަތަރު މެޗު ކުޅޭނެ، ސަޕޯޓަރުން ނުވައްދާނެ
14 އޭޕްރިލް 2020
ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު ހަމައެކަނި ޓީވީ އިވެންޓެއްގެ ގޮތުގައި ވެމްބްލީ ސްޓޭޑިއަމްގައި ޖޫން ނުވަތަ ޖުލައިގައި ކުރިޔަށް ގެންދިއުމަށް މަޝްވަރާކުރަމުން އެބަދެއެވެ.
ޕްެރިމިއާ ލީގުގެ ޗެއާމަންއާއި ގުޅުންހުރި ފަރާތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕްރިމިއާ ލީގު އަލުން ފަށާނީ ޖޫން ނުވަތަ ޖުލައިގައެވެ. އަދި އަވަހަށް ސީޒަން ނިންމާލުމަށް ދުވާލަކު ހަތަރު މެޗު ކުޅޭނެ ކަމަށެވެ.
ޕްރިމިއާ ލީގުގެ ހުރިހާ މެޗެއްވެސް ވެމްބްލީގައި ކުޅެން މަޝްވަރާކުރަމުންދާއިރު އިނގިރޭސި އެފްއޭއިން ވިސްނަނީ އެއްވެސް ސަޕޯޓަރެއް އެއްވެސް މެޗަކަށް ނުވައްދާ ކުރިޔަށް ގެންދިއުމަށެވެ.
އިނގިރޭސިވިލާތުގެ ރަސްމީ ސްޓޭޑިއަމްކަމުގައިވާ ވެމްބްލީގައި ހުރިހާ މެޗެއް ކުރިޔަށް ގެންދިއުމުގެ މަޝްވަރާތައް ކުރަމުން އަންނަ އިރު މިވަގުތު ޕްރިމިއާ ލީގު އޮތީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ.
ސީޒަން ނުނިމި ދިގުލައިގެންދާ ނަމަ ސީޒަން ގެއްލިދާނެ ކަމުގެ ބިރުހީވެފައިވާ މި ދަނޑިވަޅުގައި ސަޕޯޓަރުން ނުވައްދާ ވިޔަސް ސީޒަން ނިންމާލުމަށް މަގެއް ފެނޭތޯ އިނގިރޭސި އެފްއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެފްއޭއިން މަޝްވަރާ ކުރަމުން އަންނަނީ ޖޫން ހައެއްގައި ސީޒަން ފެށުމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި ލީގު ނިންމާލުމަށެވެ.
ޕްރިމިއާ ލީގުގެ މެޗުތައް ނުފެށި ދިގުލައިގެންދާނަމަ ކްލަބުތަކަށް މާލީ ގޮތުން ބޮޑު ގެއްލުމަކާއި ކުރިމަތިވެ ކްލަބުތައް ބަނގުރޫޓުވެދާނެ ކަމަށްވެސް ފުޓްބޯޅައިގެ މާހިރުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން ބައެއް ކްލަބުތަކުން އަންނަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރަމުންނެވެ.
ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިންވެސް 30 އިންސައްތަ އުނިކުރަން ކްލަބުތަކަށް ބާރު އަޅަމުންދާއިރު މިވަގުތު މުސާރަ ކުޑަކޮށްފައިވަނީ ސައުތެމްޓަން އާއި ވެސްޓް ހޭމް ޔުނައިޓެޑުންނެވެ. ގިނަ ކުޅުންތެރިންނާ އެސޯސިއޭޝަން ތަކުން އަންނަނީ މުސާރަކުޑަކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.