News

ކޮވިޑް-19: ޑްރޮގްބާގެ ހޮސްޕިޓަލް ސަރުކާރަށް ދީފި

13 އޭޕްރިލް 2020






އައިވަރީކޯސްޓްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑިޑިއޭ ޑްރޮގްބާ އޭނާގެ ހޮސްޕިޓަލް ކޮވިޑް-19 އަށް ފަރުވާދިނުމުގެ ކަންކަމުގައި ބޭނުން ކުރުމަށް އެގައުމުގެ ސަރުކާރަށް ދީފިއެވެ. 

 

ކެލްސީގެ ކުރީ ތަރީ ޑްރޮގްބާގެ އަމިއްލަ ހޮސްޕިޓަލެއް ކަމުގައި ލޯރެންޓް ޕޯކޯ ހޮސްޕިޓަލަކީ އައިވަރީ ކޯސްޓްގެ އަބިޖާން ސަރަހައްދުގައި ހުންނަ ހޮސްޕިޓަލެކެވެ. މިވަގުތު މަރާމާތު ކުރަމުން އަންނަ މި ހޮސްޕިޓަލަކީ މިއަހަރުގެ ފަހުކޮޅު ހުޅުވަން ނިންމާފައިއޮތް ހޮސްޕިޓަލެކެވެ.

 

އެހެންނަމަވެސް މިވަގުތު ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިކަން ދިނުމަށް ޑްރޮގްބާ ބޭނުންވަނީ އެ ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރުމަށެވެ.

 

އައިވަރީ ކޯސްޓްގެ އަބިޑްޖާންގެ ރީޖަނަލް ކައުންސިލްގެ ރައީސް ވަނީ މިކަމުން ޑްރޮގްބާގެ ހިތުގައި ގައުމާމެދު އޮތް ލޯބި ހާމަވާކަމަށް ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކޮށްފައެވެ.

 

ޑްރޮގްބާ ފައުންޑޭޝަނުން ބުނީ މި ހޮސްޕިޓަލް ސަރުކާރަށް ދިނީ އެއްވެސް ބަދަލެއް ދޭ ގޮތަށް ނޫން ކަމަށާއި، ސަރުކާރުން ބޭނުންވާ މުއްދަތެއްގައި ހޮސްޕިޓަލް ބޭނުން ކުރުމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ.

 

މީގެ ދެ އަހަރު ކުރިން ފުޓްބޯޅަ ކުޅުން ހުއްޓާލި ޑްރޮގްބާ، 42އ އަކީ އައިވަރީ ކޯސްޓްގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓްގެ ކުރީގައި ހިމެނޭ މީހެކެވެ. އައިވަރީ ކޯސްޓްގައިވެސް ކޮވިޑް-19 ފެތުރެމުން އަންނަ އިރު މި ވަގުތު އެގައުމުގައި 533 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. 

 



Leave a Comment:

Comments will be published after moderation.