News
ޝެފީލްޑް ޔުނައިޓެޑްގެ ބައެއް މުވައްޒަފުންނަށް މުސާރަ އާއި އެކު ޗުއްޓީ
12 އޭޕްރިލް 2020
އިނގިރޭސި ޕްރިމިއާ ލީގުގައި ހިމެނޭ ޝެފީލް ޔުނައިޓެޑުގެ ބައެއް މުވައްޒަފުންނަށް މުސާރައާއި އެކު ޗުއްޓީދޭން ނިންމައިފިއެވެ.
ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ ބައެއް ކުލަބުތަކުން މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ނޯޕޭއަށް ފޮނުވަން ފަށާފައިވާ މި ދަނޑިވަޅުގައި ޝެލީފް ޔުނައިޓެޑުން ބުނީ އެކްލަބުގެ ބައެއް މުވައްޒަފުންނަށް މުސާރައާއި އެކު ޗުއްޓީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ނުނިކުމެވޭ ފަރާތްތަކަށެވެ.
ޝެފީލްޑް ޔުނައިޓެޑްގެ މުވައްޒަފުންނަށް ފުލް މުސާރަދޭނެ ކަން އިއުލާނުކޮށްފައިވާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަ ކުރާ ބައެއް ކްލަބް ތަކުން ވަނީ މުސާރަ ދެވެން ނެތިގެން ބައެއް މުވައްޒަފުން ނޯޕޭގައި ގެއަށް ފޮނުވާލާފައެވެ.
އެކްލަބްތަކުގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސް، ނިއުކާސަލް ޔުނައިޓެޑް، ބޯންމަތު އަދި ނޯވިޗް ސިޓީ ވެސް ހިމެެނެއެވެ.
އަދި ލިވަޕޫލުންވެސް ބައެއް މުވައްޒަފުން ނޯޕޭގައި ގެއަށް ފޮނުވާލަން އުޅުނެވެ. އެހެންނަމަވެސް ސަޕޯޓަރުންގެ ފާޑުކިއުންތަކާއި ގުޅިގެން އެ ކްލަބުން ވަނީ މާފަށް އެދުމަށްފަހު އެ ނިންމުން އަނބުރާ ގެނެސްފައެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ނޯޕޭގައި ގެއަށް ފޮނުވާލާ މުވައްޒަފުންނަށް އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ސްކީމެއްގެ ދަށުން މުސާރައިގެ 80 އިންސައްތަ ލިބޭ ގޮތަށް ވަނީ ހަމަޖައްސަދީފައެވެ.
ޝެފީލްޑް ޔުނައިޓެޑުގެ އިތުރުން މުވައްޒަފުންނަށް ފުލް މުސާރަ ދޭނެކަމަށް ލިވަޕޫލް އާއި މެންޗެސްޓާ ސިޓީން ވަނީ ބުނެފައެވެ. މުސާރަ ކުޑަކޮށްފައިވާ ކްލަބްތަކުގެ ތެރޭގައި ސައުތެމްޓަން އަދި ވެސްޓް ހޭމް ޔުނައިޓެޑް ހިމެނެއެވެ.
ޕްރިމިއާ ލީގުން ވަނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް ކުޅުންތެރިންނަށް ހުށަހަޅާފައެވެ. އެހެންނަމަވެސް މުސާރަ ކުޑަކުރުމަށް ކުޅުންތެރިން ވަނީ ދެކޮޅު ހަދާފައެވެ.