News
ބާސެލޯނާގެ ބޯޑުގެ ހަ މެންބަރަކު ކްލަބަށް ފާޑުވިދާޅުވެ އިސްތިއުފާ ދެއްވައިފި
11 އޭޕްރިލް 2020
ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރުގެ ގޮތުގައި ބެލެވިފައިވާ އެއް ޓީމުކަމުގައިވާ ސްޕެއިންގެ ބާސެލޯނާގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެންބަރުން އިސްތިއުފާ ދެއްވައިފިއެވެ.
ބާސެލޯނާގެ ބޯޑުގެ ހަ މެންބަރުން އިސްތިއުފާދެއްވީ ކްލަބްގެ ހިންގުމާއި މެދު ހިތްހަމަނުޖެހޭތީކަން އެމެންބަރުން ވަނީ އެ ކުލަބުގެ ރައީސް އަށް އަންގަވާފައެވެ.
އިސްތިއުފާ ދެއްވި މެންބަރުންނަކީ އެކްލަބްގެ ނާއިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމިލީ ރޫސޯޑާއި، އެންރިކޭ ޓޮމްބާސް އާއި ޑިރެކްޓަރުންގެ މަގާމު އަދާކުރައްވާ ސިލްވިއޯ އެލިއަސް އާއި ޖޯސެޕް ޕޮންޓް އާއި ޖޯޑީ ކަލްސަމިޖިލިއާ އަދި މާރިއާ ޓެއިޒިޑޯ އެވެ.
މި ހަ މެންބަރުން އިސްތިއުފާދެއްވާ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫއަށް ފޮނުއްވި ޖޮއިންޓް ސިޓީއެއްގައި ވިދާޅުވެފައިވަނީ ކޮރޯނާވައިރަސްގެ ވަބާއާއި ގުޅިގެން ކްލަބްގެ މާލީކަންކަން ހަމަޖައްސަމުން އަންނަ ގޮތާއި މެދު ކަންބޮޑުވުންތައް އެބަހުރި ކަމަށާއި ކްލަބް ހިންގަމުންދާ ގޮތާއި މެދު ހިތްހަމަ ނުޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ.
އަދި ކްލަބްގެ އަމިއްލަ ކުޅުންތެރިންނަަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ ރައްދު ދިނުމަށް ބާސެލޯނާއިން ބަޔަކާއި ހަވާލުކުރި ކަމަށް ދެކެވުނު ވާހަތައް އޮޅުވާލުމަށް ކްލަބަށް މަޖުބޫރުވި ހާލަތުގައި ކްލަބުން އަމަލު ކުރިގޮތާމެދުވެސް އިސްތިއުފާ ދެއްވި މެންބަރުންވަނީ ފާޑުވިދާޅުވެފައެވެ.
އެހެންކަމުން މި ވަގުތު ކްލަބް ހިންގަމުން އަންނަ ގޮތް ބަދަލު ނުކުރޭވޭ ކަމަށް ގަބޫލު ކުރެއްވޭތީ އިސްތިއުފާ ދެއްވީ ކްލަބްގެ ހިންގޭ އެންމެ ރަނގަޅަކަށް ހިންގުމަށް މިހާރު ތިބި ވެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް އިސްތިއުފާ ދެއްވި މެންބަރުން ވިދާޅުވިއެވެ.
އަދި ލިބޭ އެންމެ އަވަސް ފުރުސަތެއްގައި ބާސެލޯނާގެ އިންތިހާބު ބާއްވަން އެ މެންބަރުން ގޮވާލެއްވިއެވެ. އެހެންނަމަވެސް ބާސެލޯނާގެ އިންތިހާބު ރަސްމީކޮށް ބާއްވަން ޖެހޭނީ އަންނަ އަހަރެވެ.
'ސޯޝަލް މީޑީއާ ސްކޭންޑަލް' ގެ ގޮތުގައި އިސްތިއުފާ ދެއްވި މެންބަރުން ތުހުމަތު ކުރެއްވީ ސްޕެއިންގެ މީޑިއާއަކުން ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ދިފާއުކޮށް އޭއާއި ދެކޮޅު ފަރާތްތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވައްޓާލަން ކުންފުންޏެއްގެ އެހީ ހޯދި ކަމަށްވެސް ބުނާ ވާހަކައެވެ.
އަދި އެގޮތުން މެސީ އާއި ޕީއޭއާއި ކުރީގެ ކުޅުންތެރިންކަމަށްވާ ޒާވީ އާއި ކާލްސް ޕުޔީލް އަދި ކުރީގެ ކޯޗު ގާޑިއޯލާގެ އަގު ވައްޓާލަން ސޯޝަލްމީޑިއާގައި އެ ކުންފުނިން މަސައްކަތް ކުރި ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އެހެންނަމަވެސް ބާސެލޯނާއިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.
މިފަދަ ތުހުމަތުތަކެއް ކްލަބާއި މެދު ކުރެވޭއިރު އަންނަ އަހަރުގެ އިންތިހާބުގައި މިހާރުގެ ރައީސް ބާޓޮމެއޫ އާއި ވާދަކުރައްވާ ވިކްޓާރ ފޮންޓް ވަނީ މިއީ ސީރިއަސް ތުހުމަތުތަކެއްކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެފައެވެ.