News
"އަންނަ އަހަރުވެސް އޮލިމްޕިކްސް ބޭއްވޭނެ ކަމެއް ނޭންގެ"
11 އޭޕްރިލް 2020
ޖަޕާނުގައި ބާއްވަން ހަމަޖެހިފައިވާ "ޓޯކިޔޯ އޮލިމްޕިކްސް" އަންނަ އަހަރުވެސް ބޭއްވިދާނެ ކަމާމެދު ޔަގީންކަމެއް ނެތްކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެފިއެވެ.
ޓޯކިޔޯގައި މިއަހަރުގެ ޖޫންމަހު ބާއްވަން ތާވަލުކޮށްފައި އޮތް އޮލިމްޕިކްސް ކުޅިވަރުތައް ކޮވިޑް-19 ގެ ސަބަބުން ކުރިޔަށް ނުގެންދެވޭނެތީ މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.
އެހެންނަމަވެސް "ޓޯކިޔޯ އޮލިމްޕިކްސް"ގެ އޮފިޝަލުން ވިދާޅުވީ އަންނަ އަހަރުގެ ޖޫންގައިވެސް އޮލިމްޕިކް ކުޅިވަރުތައް ނުބޭއްވިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.
ކޮރޯނާވައިރަހުން ޖެހޭ ބަލިމަޑުކަމުގެ ހާލަތު އަންނަ އަހަރުގެ ޖުލައިއާ ހަމައަށްވެސް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޭންގޭ ކަމަށާއި، އެހެންކަމުން 10 ބިލިއަން ޑޮލަރުގެ އަގުހުރި އޮލިމްޕިކްސް ކުޅިވަރުތައް އަންނަ އަހަރުވެސް ބޭއްވޭނެ ކަމެއް ނޭންގޭ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
"ޓޯކިޔޯ އޮލިމްޕިކްސް"ގެ އޮގަނައިޒިން ކޮމިޓީގެ ސީއީއޯ ޓޮޝިރޯ މުޓޯ ވިދާޅުވީ އަންނަ އަހަރު އޮލިމްޕިކްސް ބޭއްވޭނެ ކަމާއި މެދު ސީދާ ޖަވާބެއް ދެއްވަން ނޭންގޭ ކަމަށާއި، އަންނަ އަހަރުގެ ޖުލައި އާއި ހަމައަށް ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން ދެވޭނެ އެއްވެސް ފަރާތެއް އަދި ނެތް ކަމަށެވެ.
ޖަޕާނުގައި ކޮވިޑް-19 ޖެހިފައިވާ 5،300 މީހުން އެބަތިއްބެވެ. އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 100 އިން ދަށުގައެވެ. އެހެންނަމަވެސް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ އެއްމަސް ދުވަހަށް އެގައުމުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާނު ކުރައްވާފައެވެ.