News

މާއަވަހަށް ފުޓްބޯޅައިގެ ހަރަކާތްތައް ފެށުމަކީ ޒިންމާދާރުކަން ކުޑަގޮތެއް: އިންފަންޓީނޯ

11 އޭޕްރިލް 2020






މާއަވަހަށް ފުޓްބޯޅައިގެ ހަރަކާތްތައް ފެށުމަކީ ޒިންމާދާރު ކަން ކުޑަ އަމަލެއް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ. 

 

އިންފަންޓީނޯ ވިދާޅުވީ އިންސާނެއްގެ ފުރާނަ ނުރައްކަލަށް ވައްޓާލުން ފަދަ ރިސްކެއް ނަގައިގެން ކުރިޔަށް ގެންދަން އެއްވެސް މެޗެއް، މުބާރާތެއް ނުވަތަ ލީގެއްވެސް މުހިންމު ނުވާނެ ކަމަށެވެ. 

 

މި ވަގުތު އެންމެ ރަނގަޅުވާނީ ކުޑަދުވަސްކޮޅަކަށް ފުޓްބޯޅަ މެދު ކަނޑާލުން ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ. 

 

އިންފަންޓީނޯ ވިދާޅުވީ މިވަގުތު ފީފާއިން އެންމެ އިސްކަންދޭ ކަމަކީ މިދަނޑިވަޅުގައި ފުޓްބޯޅައިގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ސިއްހަތު އިސްކުރުން ކަމަށެވެ. 

 

އިންފަންޓީނޯ ވިދާޅުވީ 100 ޕަސެންޓް ޔަގީންކަމެއް ނެތިއްޔާ މިވަގުތު ފުޓްބޯޅަ މުބާރާތްތައް ފަށަން މަޖުބޫރު ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ. 

 

އަދި ރިސްކެއް ނެގުމަށްވުރެ ރަނގަޅުވާނީ އިތުރު ދުވަސްކޮޅަކަށް މަޑުކޮށްލުން ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.

 

ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކުގެ ލީގުތަކާ ބައިނަލްއަގްވާމީ މުބާރާތްތައް ވަނީ މަޑުޖައްސާލާފައެވެ. އެގޮތުން ޔޫރޯ އާއި ކޮޕާ އެމެރިކާ ފަދަ ބޮޑެތި މުބާރާތްތައް މިވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

 

އެހެންނަމަވެސް ބެލަރުސް އާއި ބުރުންޑީ އަދި ތަޖަކިސްތާނު ފަދަ ގައުމުތަކުގައި އަންނަނީ ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑާނުލާ ކުރިޔަށް ގެންދަމުންނެވެ. 

 

އިންފަންޓީނޯ ވިދާޅުވީ ހުރިހާ ގައުމެއްގެ އެންމެންވެސް ހަނދާން ބަހައްޓަންވީ ކަމަކީ ފީފާގެ އުސޫލަކީ އަދި އެދުމަކީ އެންމެ ފުރަތަމަ ސިއްހަތު އިސްކުރުން ކަމަށާއި، އެންމެ މީހެއްގެ ވިސްނުމަށްވުރެ އިސްކުރަންވާނީ ބައިނަލްއަގްވާމީ ވިސްނުމަށް ކަމަށެވެ.

 

ފުޓްބޯޅައިގެ ހަރަކާތްތައް ފެށުމާއި ގުޅޭގޮތުން ހުރިހާ ދިމާލެއްގައި މަޝްވަރާތައް ކުރެވެމުން އަންނަ އިރު އެންމެންގެ ޕޮސިޓިވް ބައިވެރިވުން މަޝްވަރާތަކުގައި ގެންގުޅުން މުހިންމު ކަމަށާއި، މުސްތަގްބަލުގައި ފުޓްބޯޅައަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ. 

 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެދުކަނޑާލާފައިވާ ފުޓްބޯޅަ މުބާރާތްތައް ފެށޭނެ ދުވަހެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުން އަންނަ މިދަނޑިވަޅުގައި ބައެއް ކުލަބުތަކާއި ކުޅުންތެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. އަދި މާލީ ގެއްލުންތަކުން އަރައިގަތުމަށްކަމަށްބުނެ ކުލަބުތަކުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަމުންދާ މައްސަލައިގައިވެސް ވަނީ ހިތްހަމަނުޖެހުންތައް ފެންމަތިވެފައެވެ. 

 

ފުޓްބޯޅައިގެ ހަރަކާތްތައް މެދުކަނޑާލާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އިގެ ސަބަބުންނެވެ. 



Leave a Comment:

Comments will be published after moderation.