News
ސައުތެމްޓަންގެ ކުޅުންތެރިން މުސާރައިގެ އެއްބައި ފަހުން ނަގާގޮތަށް ހަމަޖައްސައިފި
9 އޭޕްރިލް 2020
އިނގިރޭސި ޕްރިމިއާ ލީގުގައި ހިމެނޭ ކުލަބުތަކުގެ ތެރެއިން މުސާރައިގެ އެއްބައި ފަހުންނަގާ ގޮތަށް އެއްބަސްވާ ފުރަތަމަ ޓީމަކަށް ސައުތެމްޓަން ވެއްޖެއެވެ.
އެ ޓީމުން ނިންމާފައިވަނީ މުސާރައިގެ އެއްބައި ފަހުން ނަގާ ގޮތަށް މިވަގުތަށް މުސާރަ ކުޑުކުރުމަށެވެ.
އެ ކުލަބުން ބުނީ މިއީ ކުޅުންތެރިންނާ ސްޓާފުންނާ އެ ކުލަބުގެ މުސްތަގްބަލަށް ވިސްނާފައި ނިންމި ގޮތެއް ކަމަށެވެ.
ކޮރޯނާވައިރަސްގެ ސަބަބުން ޕްރިމިއާ ލީގު މެދުކަނޑާލާފައިވާތީ ކުލަބުތަކަށް ކުރިމަތިވެދާނެ މާލީ ދަތިތަކުން އަރައިގަތުމަށް ކުލަބުތަކުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ޕްރިމިއާ ލީގުން ހުށަހަޅާފައިވާއިރު ސައުތެމްޓަންގެ ކުޅުންތެރިން މުސާރައިގެ އެއްބައި ނަގާގޮތަށް އެއްބަސްވެފައިވާ ކަމަށް އެ ކުލަބުން ވަނީ މިއަދު އިއުލާނު ކޮށްފައެވެ.
ސައުތެމްޓަން އިން ބުނީ މުސާރައިގެ އެއްބައި ފަހުން ނަގާގޮތަށް ކުޅުންތެރިން އެއްބަސްވީ އަންނަ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އަދި ކުޅުންތެރިންނެކޭ އެއްގޮތަށް އެޓީމްގެ މެނޭޖަރާއި އެހެން ސްޓާފުންނާއި ބޯޑް އޮފް ޑައިރެކްޓާސްގެ މުސާރައަށްވެސް މި ބަދަލު ގެންނާނެ ކަމަށެވެ.
މީގެ ކުރިން ޕްރިމިއާ ލީގުން ބުނެފައިވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ހުށަހެޅީ ކުލަބުތަކުގެ މުވައްޒަފުންގެ ވަޒީފާތައް ހިމާޔަތް ކުރުމުގެ ގޮތުންނެވެ.
ސައުތެމްޓަން އިން ބުނީ ސްޓާފުންގެ މުސާރަ ދިނުމުގެ ގޮތުން އޭފްރީލް، މޭ އަދި ޖޫން ގައި އެކުލަބުން ސަރުކާރުގެ ސްކީމްގެ ބޭނުން ނުހިފާނެ ކަމަށެވެ.
އިނގިރޭސި ސަރުކާރުން އަންނަނީ އެގައުމުގައި ނޯޕޭއަށް ފޮނުވާ މުވައްޒަފުންނަށް ސަރުކާރުން ކަނޑައަޅާފައިވާ ސްކީމެއްގެ ތެރެއިން އެމީހެއްގެ މުސާރައިގެ 80 އިންސައްތަ ދޭނެ ކަމަށް ބުނެފައެވެ.
ސައުތެމްޓަންއިން ބުނީ އެޓީމުގެ މުވައްޒަފުން ނޯޕޭގައި ގެއަށް ނުފޮނުވާނެ ކަމަށާއި، މުސާރަކުޑަކުރިނަމަވެސް މުވައްޒަފުންނަށް މުސާރަދޭނެ ކަމަށެވެ.
ޕްރިމިއާލީގު މެދުކަނޑާލާފައިވާތީ ބައެއް ކުލަބުތަކުން އަންނަނީ މާލީ ދަތިތަކުން އަރައިގަތުމަށް ކަމަށްބުނެ ބައެއް ސްޓާފުން ނޯޕޭ ލީވްގައި ގެއަށް ފޮނުވާލަމުންނެވެ. ސްޓާފުންނަށް މުސާރަ ނުދޭގޮތަށް ގެއަށް ފޮނުވާލާފައިވާ ބައެއް ކުލަބުތަކުގެތެރޭގައި ނިއުކާސަލް އާއި ޓޮޓެންހަމް ހޮޓްސްޕާސްވެސް ހިމެނެއެވެ.