News
ޕްރިމިއާ ލީގަށް 1 ބިލިއަން ޕައުންޑްގެ ގެއްލުން ވެދާނެ
8 އޭޕްރިލް 2020
ޕްރިމިއާ ލީގަށް ސީޒަން ނިންމާ ނުލެވިއްޖެނަމަ 1 ބިލިއަން ޕައުންޑްގެ ގެއްލުންވެ އިނގިރޭސި ކުލަބުތަކާއި ލީގުތައް ގެއްލިދާނެ ކަމުގެ ބިރުހީވެއްޖެއެވެ.
ޕްރިމިއާ ލީގުގެ މެޗުތައް މެދުކަނޑާލާ ސީޒަން ކުރިޔަށް ނުގެންދެވި އޮތީ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށްއަމަލުކުރަން ޖެހުމުންނެވެ.
ޕްރިމިއާ ލީގުން ހީވެސް ނުކުރާވަރަށް ކަންތައްތައް ގޯސްވެދާނެ ކަމަށާއި، އެ ގެއްލުންތައް މި ސީޒަންނަށްވުރެ ދުރަށް ފޯރުން އެކަށީގެންވާކަމަށް ވިދާޅުވެ ޕްރިމިއާ ލީގުގެ ޗީޕް އެގްޒެކެޓިވް ރިޗާޑް މާސްޓާސް ވަނީ އިންޒާރު ދެއްވާފައެވެ.
ކޮރޯނާވައިރަސްގެ ސަބަބުން ކުލަބުތަކަށް މާލީ ގެއްލުންތައް ކުރިމަތިވާނެތީ ބައެއް ކުލަބުތަކުން އަންނަނީ ކުޅުންތެރިން ނޫން އެހެން މުވައްޒަފުންނަށް ވަގުތީ ޗުއްޓީ ދެމުންނެވެ. އަދި ބައެއް ކުލަބުތަކުން އަންނަނީ ކުޅުންތެރިންގެ މުސާރަތައް ކުޑަކުރުމަށް މަޝްވަރާ ކުރަމުންނެވެ.
ޕްރިމިއާ ލީގުން ވަނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އެ ހުށަހެޅުމަށް ހުރިހާ ކުޅުންތެރިން އާއެކޭ ބުނެފައެއް ނުވެއެވެ. ގިނަ ކުޅުންތެރިންނާއި ފުޓްބޯޅަ އެސޯސިއޭޝަންތަކުން އަންނަނީ މުސާރަ ކުޑަކުރުމާ ދެކޮޅު ހަދަމުންނެވެ.
ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ވިދާޅުވީ ކުލަބުތަކަށް ލިބޭ މާލީ ގެއްލުންތަކާއި ގުޅިގެން ސަރުކާރުގެ އެހީއަށް ބަރޯސާވާން ޖެހޭނެ ކަމަށެވެ.