News
ކުޅުންތެރިން ސޯޝަލް މީޑިއާގައި ހާމަކުރާ ވާހަކަތަކަކީ ޓީސީގެ ވާހަކަތަކެއް ނޫން
8 އޭޕްރިލް 2020
ސްރީލަންކާގައިސަރުކާރުގެ ހަރަދުގައި 24 ދުވަހު މަޑުކުރުމަށްފަހު ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި ރާއްޖެ ގެނެސް އަލުން ކަރަންޓީނު ކުރުމާއި ގުޅިގެން އެ ކުލަބުގެ ބައެއް ކުޅުންތެރިންނާ އޮފިޝަލުން ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ އިހްސާސްތަކާއި ވާހަކަތަކަކީ ޓީސީ ގެ ވިސްނުމެއް ނޫން ކަމަށާއި، ޓީސީގެ ވާހަތަކެއް ނޫން ކަމަށް އެ ކުލަބުން ބުނެފިއެވެ.
ޓީސީން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ލަންކާގައި ޓީމުން ކަރަންޓީނުވާން ނިންމީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށެވެ. އަދި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތުގެ އިތުރުން ލަންކާގައި އިތުރު 10 ދުވަސް ހޭދަކޮށް ރާއްޖެ އައިސް އަނެއްކާ އިތުރު 14 ދުވަހަށް ކަރަންޓީނު ވާން ނިންމީވެސް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ވިސްނުމަށް ފަހު ކަމަށް ޓީސީން ބުނެއެވެ.
މިހާރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ކުޅުންތެރިންނާ އޮފިޝަލުންގެ އިހްސާސްތަކަކީ ކުލަބުގެ ވިސްނުން ނޫން ކަމަށާއި، އާއިލާއާއި ދުރުގައި 24 ދުވަސް ހޭދަކޮށްފައި އައި ޓީސީގެ މެންބަރުންނާއި އެފަދަ ތަކްލީފެއް އުފުލާފައި ނުވާ މީހުންގެ ވިސްނުން ތަފާތު ވާނެ ކަމަށްވެސް ޓީސީގެ ބަޔާނުގައިވެއެވެ.
ޓީސީ އާއި ގުޅިގެން މީސްމީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން އެ ޓީމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ޓިސީގެ ފަރާތުން ރަސްމީކޮށް އެއްވެސް ވާހަކައެއް ހާމަނުކުރެވުނީ އެ ކުލަބުގެ ރަސްމީ ޓްވިޓާ އެކައުންޓަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށާއި، އެމައްސަލަ ހައްލުނުވެ ދިގުލައިިގެން ދިއުމުގެ ސަބަބުން ކަމަށް ބުނެފައިވެއެވެ.
ޓީސީން ވަނީ މި ދަނޑިވަޅުގައި އެޓީމަށްވަރަށް ބޮޑެތި އެހީތަކެއް ވެދެއްވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ސްޕޯޓޤސް މިނިސްޓަރ އަހުމަދު މަހްލޫފަށް އަދި ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ.
ސަރުކާރުން ޓީސީި ޓީމު ރާއްޖެ ގެނައީ ގައުމީ އެއާލައިންގެ ހާއްސަ ފްލައިޓެއް ހަމަޖައްސައިގެން ލަންކާގައި ތިބި ބައެއް ދިވެހިންނާ އެކު އެވެ. ޓީސީ ކުޅުންތެރިން ރާއްޖެ ގެނެސް ކަރަންޓީނު ކޮށްފައިވަނީ ރ. ފުރަވެރި ރިސޯޓްގައެވެ.