News
ޕްރިމިއާ ލީގު ކެންސަލް ކޮށްފިނަމަ ލިވަޕޫލަށް ތަށި ލިބޭނެ: ޔުއެފާ
7 އޭޕްރިލް 2020
ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގު ކެންސަލްކޮށްފިނަމަ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ތަށިދޭނެ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ސެފަރިން ވިދާޅުވެއްޖެއެވެ.
ސްލޮވީނިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސެފަރިން ވިދާޅުވީ ނަތީޖާއަށް ބަލާއިރު އަދި ލިވަޕޫލަށް ލީގު ކަށަވަރު ނުވާ ކަމަށެވެ. ލީގު ކަށަވަރު ކުރުމަށް ލިވަޕޫލަށް އަދި 6 ޕޮއިންޓް ހޯދަން ޖެހޭނެއެވެ. ސެފަރިން ވިދާޅުވީ މިހާރު ލީގު ކުރިޔަށް ގޮސްފައިވާ ހިސާބާއި ހާލަތަށް ބަލާފައި ލީގު ކެންސަލް ކޮށްފިނަމަ ލިވަޕޫލަށް ތަށި ލިބެން ޖެހޭ ކަމަށެވެ.
ޔުއެފާއިން އެއްވެސް ލީގެއް ކެންސަލްވާން ބޭނުން ނުވާކަމަށާއި، ކިރިޔާ ފުރުސަތެއް ލިބުނަސް ލީގު ފުރިހަމަ ކުރަން ވާނެ ކަމަށް ސެފަރިން ވިދާޅުވިއެވެ.
އެހެންނަމަވެސް ހާލަތު ތަންނުދޭނަމަ ލީގު ކެންސަލް ކުރަން ޖެހޭނެ ކަމަށާއި، ލީގު ކެންސަލް ކުރާނަމަ ތަށި ދިނުމުގައި އެންމެ އިންސާފިވެރިގޮތެއް ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރިމިއާ ލީގާއި އިނގިރޭސި ސަރުކާރުން މަޝްވަރާ ކުރަމުން އަންނަނީ ޖޫންމަހުގެ ތެރޭގައި އަލުން ލީގު ފެށުމަށެވެ. ލީގު ނުފެށި ދިގުލައިގެންދާނަމަ ލީގު ގެއްލިދާނެ ކަމަށް ޔުއެފާއިން ވަނީ ބުނެފައެވެ. ކޮވިޑް-19އިގެ ސަބަބުން ޕްރިމިއާ ލީގު ވަނީ މުއްދަތެއް ނެތްގޮތަަށް ފަސްކޮށްފައެވެ.