News

ބަޔާނުން ފަރިތަކުރުންތައް ފަށައިފި، އިޖްތިމާއީ ގައިދުރުކަން ބެހެއްޓި

7 އޭޕްރިލް 2020






 

ކޮރޯނާވައިރަސް އާއި ގުޅިގެން ޖާމަން ލީގު ސަސްޕެންޑްކުރިފަހުން ޖަރުމަނުގެ ބަޔާން މިޔުނިކުން ފުރަތަމަ ފަހަރަށް ޓްރޭނިންތަކަށް ނިކުމެއްޖެއެވެ.

 

ހޯމަ ދުވަހުން ފެށިގެން އަލުން ފަރިތަކުރުންތައް ކުރިޔަށް ގެންދަން ފަށާފައިވާ ބަޔާނުން ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައީ ކުޅުންތެރިންގެ މެދުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ ގޮތުން ދުރުދުރުގައި ތިބެގެންނެވެ. 

 

ޖާމަނީގައި ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުންވަނީ ހުރިހާ އެންމެންވެސް އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

 

ބުންޑަސްލީގާ ސަސްޕެންޑް ކުރި ފަހުން ހޯމަދުވަހު ބަޔާނުން ފަރިތަކުރުންތައް ބޭއްވީ ކުދި ކުދި ގުރޫޕްތަކަށް ބަހައިގެން ކުޅުންތެރިންގެ މެދުގައި 1.5 މީޓަރުގެ ދުރުމިން ބަހައްޓައިގެންނެވެ. އަދި ކުލަބުގެ ފޭނުންނަށް ޓްރޭނިން ގްރައުންޑަށް ވަނުން މަނާކޮށްގެންނެވެ. 

 

ބަޔާން މިއުނިކުން ބުނީ އެޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައީ އެގައުމުގެ ސަރުކާރުގެ އިދާރާތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް ކަމަށެވެ. 

 

އިއްޔެގެ ފަރިތަކުރުންތަކާއި ގުޅޭ ގޮތުން ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ބުނީ ގުރޫޕުތަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމުން މުޅިން ތަފާތު އިހުސާސެއް ކުރެވުނު ކަމަށާއި އެހެންނަމަވެސް ޓީމުގެ އެކުވެރިންނާ ބައްދަލުވުމުން ވަރަށް ހިތްހަމަ ޖެހުނު ކަމަށެވެ. 

 

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންގާފައިވާ އެންގުތަކަށް އިހްތިރާމް ކޮށްގެން ބަޔާނުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައިރު އިއްޔެ ކުޅުންތެރިން ފަރިތަކުރުންތައް ނިންމާފައި ދިޔައީ ސީދާ ގެއަށެވެ. އާންމުކޮށް ފަރިތަ ކުރުންތައް ނިންމާފައި ކުޅުންތެރިން ވަންނާނީ ޗޭންޖިންގ ރޫމަށެވެ. އަދި ޗޭންޖިން ރޫމުން ފެންވެރުމާއި ފަރިތަ ކުރުމުގެ ތެރެއިން ކެއުންވެސް އޮވެއެވެ. އެހެންނަމަވެސް އިއްޔެ ކުޅުންތެރިން ގެއަށް ދިޔައީ ފެން ނުވަރައެވެ.  

 



Leave a Comment:

Comments will be published after moderation.