News
ކޮޓްރެކްޓް ހަމަވާ ކުޅުންތެރިންނަށް ހައްލު ހޯދައިދޭން ފީފާއިން މަޝްވަރާ ފަށައިފި
7 އޭޕްރިލް 2020
ކޮރޯނާވައިރަސްގެ ސަބަބުން މެދުކަނޑާލާފައިވާ މިސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިންގެ މައްސަލަތައް ފީފާ އިން ވަރަށް އަވަހަށް ހައްލުކޮށްދޭނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތަކާއި އެކު ފީފާއިން މަޝްވަރާތައް ކުރަމުންދާ ކަމަށާއި، ކްލަބުތަކަށް ދިމާވެދާނެ ދަތިތައް އޮޅުން ފިލުވަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެގޮތުން ލީގުތައް ފުރިހަމަ ކުރުމަށް ގައުމުތަކަށް ދިމާވެފައިވާ މައްސަލަތައްވެސް ފީފާއިން ބަލަމުން އަންނަ ކަމަށާއި އަންނަ މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަދާފައިވާ ކުޅުންތެރިންނަށް ދިމާވާނެ ދަތިތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައަށް ދިމާވެފައިވާ މައްސަލަތައް ބަލާ ހައްލުކޮށްދިނުމަށް ކްލަބުތަކުން އަންނަނީ ފީފާގައި އެދެމުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުލަބުތަކަށް ދިމާވާނެ މާލީ ދަތިިތަކުން އަރައިގަތުމަށް ކުލަބުތަކުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަމުންދާ މައްސަލައަށް ހައްލު ހޯދުމަށްވެސް ފީފާއިން ކުލަބުތަކާއެކު މަޝްވަރާ ކުރާނެ ކަމަށްބެލެވެއެވެ. ދާދިފަހުން ފީފާއިން ސްޕެއިންގެ މީޑިއާއެއްގައި މިކަމާއި ގުޅޭ ގޮތުުން ވާހަކަ ދައްކާފައިވެއެވެ.
ފީފާއިން ބުނެފައިވަނީ މިހާލަތުގައިވެސް ކުޅުންތެރިންގެ މުސާރަ އުނިމުކޮށް ފުރިހަމައަށް މުސާރަ ދޭން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ކުޅުންތެރިން އެއްބަސްވާ ނަމަ މުސާރައިން އުނި ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ބައެއް ލީގުތައް ކެންސަލްކޮށްފާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ޔޫރަފްގެ ލީގުތައް ކެންސަލް ނުކުރުމަށް ޔުއެފާއިން ވަނީ ގޮވާލާފައެވެ.
ޔުއެފާއިން ލީގުތައް ކެންސަލް ނުކުރުމަށް އެދިފައިވަނިކޮށް ބެލްޖިއަމުން ވަނީ ލީގުގެ އެއްވަނައިގައި އޮތް ބުރޫޖަށް ޗެމްޕިއަންކަންދިނުމަށް ނިންމާ ލީގު ކެންސަލް ކޮށްފައެވެ.
ޝެޑިއުލާ އެއްގޮތަށް ސީޒަން ކުރިޔަށް ނުގެންދެވި ދިގުލައިގެން ދިޔަ ކަމުގައިވިޔަސް ގައުމުތަކުން ފަށާފައިވާ ލީގުތަށް ނިންމުމަށް ފުރުސަތު ދިނުމުގެ ގޮތުން ސަރަހައްދީ މުބާރާތްތަކުގެ ތެރެއިން ޔޫރޯ އާއި ކޮޕަ އެމެރިކާ މުބާރާތް އޮތީ އަންނަ އަހަރަށް ފަސްކޮށްފައެވެެ.
ޔުއެފާއިން ނިންމާފައިވަނީ ލީގު ފުރިހަމަ ނުކޮށް ސީޒަން ނިންމާލާ ގައުމުތަކަށް އަންނަ ސީޒަނުގައި ފުރުސަތު ނުދިނުމަށެވެ.