News
ބަޔާންގެ ކީޕަރު ހޯދަން ޗެލްސީން މަޝްވަރާ ކުރަނީ
6 އޭޕްރިލް 2020
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބަޔާން މިއުނިކްގެ ގޯލްކީޕަރުު މެނުއަލް ނޯޔާ ގެންނަން އޭނާގެ އޭޖެންޓާ އެކު ޗެލްސީން މަޝްވަރާ ކުރަމުން އެބަދެއެވެ.
ނޯޔާއާ އާއި އެކު ބަޔާން މިއުނިކުން ކޮންޓްރެކްޓް ހަދާފައިވަނީ އަންނަ އަހަރާ ހަމައަށެވެ. ބާކީ އަހަރެއްހާ ދުވަސް ބަޔާންއާއި އެކު އޮތް އިރު އެޓީމުންވެސް އަންނަނީ ނޯޔާގެ އެއްބަސްވުން އާ ކުރަން މަޝްވަރާ ކުރަމުންނެވެ.
އެހެންނަމަވެސް ނޯޔާ ބުނީ 5 އަހަރަށްވުރެ ކުރު ކޮންޓްރެކްޓެއްގައި ސޮއިކުރަން ބޭނުން ނުވާކަމަށެވެ. ބަޔާނުން ނޯޔާގެ ކޮންޓްރެކްޓް އާ ކުރާނީ 2 އަހަރަށް ކަމަށް ބަައެއް ރިޕޯޓްތައް ބުނެއެވެ.
ބަޔާންގެ މި ހުށަހެޅުން ނޯޔާ ގަބޫލުނުކުރާތި މިދަނޑިވަޅުގައި ޗެލްސީން އޭނާ ގަތުމަށް ނޯޔާގެ އޭޖެންޓް ފްރޭންކް ކްރޮތާ އާއި އެކު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗެލްސީން އާ ކީޕަރެއް ހޯދަނީ އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑަށް މިހާރުގެ ކީޕަރު މިހާރުގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ކަމު ނުދާތީ އެވެ.
ޗެލްސީން ބޭނުންވަނީ ތަޖްރިބާކާރު ކީޕަރެކެވެ. ޗެލްސީން ނޯޔާ ގެންދިއުމަށް މަޝަވަރާ ކުރާއިރު ދާދިފަހުން ނޯޔާވަނީ 40 އަހަރުވަންދެން ފުޓްބޯޅަ ކުޅުން ހުއްޓާނުލާ ދަނޑުގައި މަޑުކުރަން ބޭނުން ކަމަށް ބުނެފައެވެ. މިހާރު އޭނަގެ އުމުރަކީ 34 އަހަރެވެ.
އެހެންކަމުން ނޯޔާ ބޭނުންވަނީ މުސާރައަށްވުރެ ބޮޑަށް ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ދޭ ޓީމަކާއި ގުޅުމަށެވެ.
ޖަރުމަނުގެ ޝާލްކާއާއި 2004 ވަނަ އަހަރު ގުޅުނު ނޯޔާ ބަޔާން މިއުނިކަށް ބަދަލުވީ 2011 ގައެވެ. އޭނާ ބަޔާނާއި ގުޅުނު އިރު މެންޗެސްޓާ ޔުނައިޓެޑް އާއި ލިވަޕޫލުންވެސް އޭނާ ހޯދަން އުޅުނެވެ.