ކޮވިޑް 19: ސެޕްޓެމްބަރަށް ފިޔަވަޅުތައް ދަމަހައްޓާނަމަ ސީޒަން ކެންސަލްވެދާނެ: ޔުއެފާ
6 އޭޕްރިލް 2020
ކޮރޯނާވައިރަސްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް ސެޕްޓެމްބަރާ ހަމައަށް ދަމަހައްޓައިފިނަމަ މެދުކަނޑާލާފައިވާ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ނުނިންމާ ސީޒަން ކެންސަލް ކުރަން ޖެހޭނެ ކަމަށް ޔުއެފާގެ ރައީސް ވިދާޅުވެއްޖެއެވެ.
ޔުއެފާގެ ރައީސް އެލެކްސަންޑާ ކެފެރިން ވިދާޅުވީ ހުއްޓާލާފައިވާ ކުޅިވަރުތައް ކުރިޔަށް ގެންދިއުމަށް ސަޕޯޓަރުން ނުވައްދާ ބަންދުކޮށްގެން މެޗުތައް ކުޅެވިދާނެ ކަމަށެވެ.
ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ މެޗުތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ކެފެރިން ވިދާޅުވީ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރުގައި މެޗުތައް ނުކުޅެވޭނެ ކަމަށެވެ. ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ މެޗުތައް އޮގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލަން ޖެހެއެވެ. އެ ތާރީހަށް ނުނިމިއްޖެނަމަ ދެން ޖެހޭނީ ސީޒަން ކެންސަލް ކުރާށެވެ.
ކެފެރިން ވިދާޅުވީ ކަމާގުޅޭ ފަރާތްތަކުން މެޗުތައް ކުޅުމުުގެ ހުއްދަ ޔުއެފާއަށް ނުދޭހާ ހިނދަކު މެޗުތައް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އަދި ދެން ވާނެ ގޮތެއް ބުނަން ނޭނެްގޭ ކަމަށާއި ޔުއެފާއިން މަޑު ކޮށްގެން މި ތިބެނީ ކޮރޯނާވައިރަސްގެ ހާލަތު މުޅި ދުނިޔޭގައި އަދި ހާއްސަކޮށް ޔޫރަޕްގައި ބަދަލުވަމުން އަންނަ ގޮތް ބެލުމަށް ކަމަށެވެ.