News
ޓީސީ ޓީމު ރާއްޖެ ގެނެސް އަނެއްކާވެސް ކަރަންޓީނަށް
6 އޭޕްރިލް 2020
ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ސްރީލަންކާގައި ރާއްޖެ ނާދެވި ތާށިވެފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވީ ފަހުން ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅިުންތެރިންނާއި އޮފިޝަލުން ރޭ ރާއްޖެ ގެނެސްފިއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ބަނގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާއި ދެކޮޅަށް މެޗެއް ކުޅުމަށް މިދިޔަ މަހުގެ 11 ގައި ބަނގްލަދޭޝްގައި ތިބުމަށްފަހު ބަނގްލަދޭޝް އިން ރާއްޖެއަށް މީހުން އައުން ދިވެހި ސަރުކާރުން މަނާކުރުމާއި ގުޅިގެން ޓީސީ ޓީމު ގެންދިޔައީ ސްރީލަންކާގައި ކަރަންޓީނު ކުރުމަށެވެ.
ކަރަންޓީނުގެ މުއްދަތު ކަމުގައިވާ 14 ދުވަސް ހަމަކުރުމަށް ލަންކާގައި ތިއްބާ ލަންކާ ސަރުކާރުން ވަނީ ލަންކާގެ ވައިގެ ދަތުރުފަތުރުތައް ހުއްޓާލާ އެއާޕޯޓް ބަންދުކޮށްފައެވެ. އެހެންކަމުން ޓީސީ ޓީމަށް މާލެ ނާދެވި ލަންކާގައި ތާށިވެފައި 26 ދުވަހު ތިބެންޖެހުނެވެ.
އެއަށްފހު ޓީސީ ޓީމުގެ ކުޅުންތެރިންނާ މާލެ އަންނަށް ބޭނުންވެފައިތިބި ބައެއް ދިވެހިން ލަންކާއިން ރާއްޖެ ގެނައުމަށް ސަރުކާރުން ހަމަޖެއްސި ފްލައިޓެއްގައި ޓީސީ ޓީމުގެ ކުޅުންތެރިންނާ ލަންކާގައި ތިބި ބައެއް ދިވެހިން ރޭ ވަނީ އަނބުރާ މާލެ ގެނެސްފައެވެ.
އެހެންނަމަވެސް އާއިލާގާތަށް ދިއުމުގެ ކުރިން މި ކުޅުންތެރިންނާއި ލަންކާއިން އައި ހުުރިހާ ދިވެހިންވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުގައި 14 ދުވަހު މަޑުކުރަން ޖެހޭނެއެވެ. އެގޮތުން ޓީސީ ކުޅުންތެރިން ކަރަންޓީނުކުރުމަށް ފޮނުވާފައިވަނީ ފުރަވެރި ރިސޯޓަށް ކަމަށް މައުލޫމާތު ލިބެއެވެ.
ލަންކާގައިވެސް ޓީސީން ކަރަންޓީނުގެ މުއްދަތު ހަމަކުރިއެވެ. ކަރަންޓީނުގައި ޓީސީ ކުޅުންތެރިންނާ އޮފިޝަލުން ތިބީ ލަންކާގެ މެރީނޯ ބީޗް ހޮޓަލްގައެވެ. ކުޅުންތެރިންނާއި އޮފިޝަލުން ލަންކާގައި ތިބުމުގެ އިންތިޒާމް ހަމަޖައްސާ ހަރަދުތައް ހަމަޖެއްސީ ދިވެހި ސަރުކާރުންނެވެ.