News
މުސާރަ ކުޑަކުރާތީ ރޫނީވެސް ނުރުހުން ފާޅުކޮށްފި
5 އޭޕްރިލް 2020
ކޮރޯނާ ވައިރަސް އާއި ގުޅިގެން ޕްރިމިއާ ލީގުގެ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރުމުން ހުށަހަޅާފައިވާތީ އިންގްލޭންޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ނުރުހުން ފާޅުކޮށްފިއެވެ.
ޑާބީގެ ސްޓްރައިކާ ރޫނީ ބުނީ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން ފުޓްބޯޅަ ކުޅުންތެރިންވެސް ބޭނުންވާ ކަމަށާއި، އެހެންނަމަވެސް ކުއްލިއަކަށް ފުޓްބޯޅަ ކުޅުންތެރިން ގުރުބާން ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
އާދިއްތަ ދުވަހު ސަންޑޭ ޓައިމް ކޮލަމް އަށް ދިން އިންޓަވިއުއެއްގައި ރޫނީ، 34އ ބުނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ ކުޑަކުރުމަށް ފްރިމިއާ ލީގުން ހުށަހަޅާ ކުލަބްތަކުން ކުޅުންތެރިންނަށް ޕްރެޝަރު ކުރަމުން އަންނަ ކަމަށެވެ.
އަދި މި ގޮތަށް އެއްބަސްވާނަމަ އެކަމުގައި ކުޅުންތެރިންނަށް ކާމިޔާބެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ކުޅުންތެރިން ކުރިޔަށް ނިކުމެ އެގޮތަށް މުސާރަ ކުޑަކުރަން އެއްބަސްނުވާ ކަމަށާއި ނުވަތަ 30 އިންސައްތަ އުނިކުރަން ގަބޫލު ނޫން ކަމަށް ބުންޏަސް މިހާރު ކުޅުންތެރިންނަށް މީގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ރޫނީ ބުންޏެވެ.
އަދި ކުލަބްތަކަށް މާލީ ގޮތުން ދަތިތައް ދިމާވާނެ ކަމަށްބުނެ މުސާރަ ކުޑަކުރަން ހުށަހަޅާއިރު އޭގެ ފަހަތުގައިވާ ހަގީގަތެއްވެސް ކުޅުންތެރިންނަށް ނޭންގޭނެ ކަމަށް ރޫނީީ ބުންޏެވެ.
ރޫނީ ބުނީ މިފަދަ ހުރިހާ ނިންމުމެއް ނިންމަނީ ހުޅުވާލެވިފައިވާ މާހައުލެއްގައި ނޫން ކަމަށާއި، މުސާރަ ކުޑަ ކުރާނަމަ އެއީ ކުޅުންތެރިންނަށް ކުރާ މަލާމާތެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް ރޫނީ ބުންޏެވެ. ކުޅުންތެރިންނަށް އާމްދަނީ ގެއްލޭ ބައި ހޯދަން ކުޅުންތެރިން އަމިއްލައަށް މަސައްކަތް ކުރުމަކީވެސް ލަދުވެތި ކަމެއް ކަމަށް އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގެ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ހުށަހަޅާފައިވާތީ ފުޓްބޯޅައިގެ ނުފޫޒު ހުރި ފަރާތްތަކުން އަންނަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ވެސް ވަނީ ކުޅުންތެރިންގެ މުސާރާ ކުޑަކުރުމާ ދެކޮޅަށް ތެދުވެފައެވެ.
ޕީއެފްއޭއިން ބުނީ ކުޅުންތެރިންގެ މުސާރައިން 30 އިންސައްތަ ކުޑަކުރުމުން ކްލަބުތަކަށް 500 މިލިއަން ޔޫރޯ ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އިނގިރޭސި ސަރުކާރަށް ދައްކާ ޓެކްސް އިން 200 މިލިއަން ޔޫރޯ މަދުވާނެ ކަމަށާއި މިކަމުގެ ސަބަބުން ކުލަބްތަކަށް ނާޖާއިޒު ފައިދާއެއް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕީއެފްއޭއިން ބުންޏެވެ. .