News

ވުމެންސް ޔޫރަޕިއަން ޗެމްޕިއަންޝިޕް: 2022 އަށް ފަސްކުރަނީ

2 އޭޕްރިލް 2020






އަންނަ އަހަރު އިންގްލޭންޑްގައި ބާއްވަން ހަމަޖައްސާފައިވާ "ވުމެންސް ޔޫރޮޕިއަން ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތް 2022 ވަނަ އަހަރުގެ ހޫނު މޫސުމަށް ފަސްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

 

މި ޓޯނަމަންޓް ފަސްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު ބާއްވާ "މެންސް ޔޫރޮޕިއަން ޗެމްޕިއަންޝިޕް" އަދި ޓޯކިޔޯ އޮލިމްޕިކްސް އަށް ފަހުއެވެ. ޔޫރަފްގެ ތިން ޓީމެއް މިހާރުވެސް ވަނީ އޮލިމްޕިކްސް އަށް ކޮލިފައިވެފައެވެ. އެއީ އިންގްލެންޑް، ނެދަލެންޑްސް އަދި ސްވިޑަންއެވެ. 

 

"ވުމެންސް ޔޫރޮޕިއަން ޗެމްޕިއަންޝިޕް" ޓޯނަމަންޓްގެ ކޮލިފިކޭޝަން އަދިވެސް ކުރިޔަށް އެބަދެއެވެ. އެގޮތުން ސްކޮޓްލެންޑް އޮތީ ގްރޫޕް އީގެ ދެވަނައިގައެވެ. ވޭލްސް އޮތީ ގްރޫޕް ސީގެ ދެވަނައިގައެވެ. އެ ގްރޫޕުގެ އެއްވަނައިގައި އޮތީ ރިޕަބްލިކް އޮފް އަޔަލެންޑެވެ. 

 

ޔޫރަޕިއަން ފުޓްބޯޅައިގެ ބެލެނިވެރިފަރާތް ކަމުގައި ޔުއެފާއިން ވަނީ ބުދަދުވަހު 55 މެންބަރު ގައުމުގެ މަންދޫބުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކާއި ގުޅޭ ގިނަ ނިންމުންތަކެއް ނިންމާފައެވެ. އެހެންނަމަވެސް އަންހެން ޓީމުތަކަށް ހާއްސަ ޔޫރޯ 2021، "ޔޫރޯ 2022" އަށް ބަދަލުވިކަން އަދި އިއުލާނެއް ނުކުރެއެވެ. 

 

އެހެންނަމަވެސް ނެދަލެންޑްސްގެ އެެފްއޭގެ ވެބްސައިޓްގައި ބުނެފައިވަނީ އިއްޔެ ޔޫއެފާއިން ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގައި "ވުމެންސް ޔޫރޮޕިއަން ޗެމްޕިއަންޝިޕް" 2022 އަށް ފަސްކުރިކަން އިއުލާނު ކޮށްފައިވާކަމަށެވެ. 

 

ވުމެންސް ޔޫރޮޕިއަން ޗެމްޕިއަންޝިޕް  ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް އަދި ވަކިގޮތެއް ނިންމޭނީ ޖުލައި 27 ން އޮގަސްޓް 7 އަށް ބާމިންހަމްގައި އޮންނަ ކޮމަންވެލްތް ގޭމްސް އަށް ފަހުކަމަށް ރިޕޯޓްތައް ބުނެއެވެ.



Leave a Comment:

Comments will be published after moderation.