News
ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
2 އޭޕްރިލް 2020
ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާތީ މެދުކަނޑާލި ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް ޔުއެފާއިން ބުނެފިއެވެ.
ޔުއެފާއިން ބުނީ ޔުރޮޕާ ލީގާއި ޗެމްޕިއަންސް ލީގު މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ޔުއެފާގެ 55 މެންބަރު ގައުމުގެ މަންދޫބުންނާއި އެކު ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ
އެވެ. ދެން މި ދެމުބާރާތް ބާއްވާނެ ތާރީހެއް ކަނޑައަޅާނީ ހާލަތު ތަންދިނުމުން ކަމަށް އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އަދި ޖޫން މަހަށް ތާވަލުކޮށްފައިވާ ބައިނަލްއަގްވާމީ މެޗުތައް ފަސްކުރުމަށްވެސް އެ ބައްދަލުވުމުގައި ނިިންމިއެވެ.
މީގެ ކުރިން ޔުއެފާއިން ވަނީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ފައިނަލްމެޗުތައް ފަސްކޮށްފައެވެ. އަދި އަންހެން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުވެސް ފަސްކުރިއެވެ.
ޔުއެފާއިން ބުނީ މި ތިން މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނެ ތާރީހެއްވެސް ފަހުން ކަނޑައަޅާނެ ކަމަށެވެ.
ޔޫރަޕްގެ ކްލަބުތަކުގެ މެދުގައި އެންމެ ފޯރިއާއި އެކު ކުރިޔަށް ގެންދާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔުރޮޕާ ލީގު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު ކޮށްފައިވާއިރު މީގެ ކުރިން ވަނީ ޔޫރޯ2020 އަންނަ އަހަރަށް ފަސްކޮށްފައެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރުގެ ހަރަކާތް ކަމުގައިވާ ޓޯކިޔޯ2020 ނުވަތަ މިއަހަރުގެ އޮލިމްޕިކް ގޭމްސްވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.
ޔޫރަޕަކީ މިވަގުތު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ ގައުމުތައްވެސް ހިމެނޭ ސަރަހައްދެކެވެ.