News

ކޮވިޑް-19: ފަރުވާދެނިކޮށް މާސޭގެ ކުރީގެ ރައީސް ނިޔާވެއްޖެ

1 އޭޕްރިލް 2020






ފްރާންސްގެ އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫޕް، 68އ ކޮރޯނާވައިރަސްގެ ބަލިމަޑުކަމަށް ފަރުވާ ހޯދަމުން ދަނިކޮށްނިޔާވެފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ. 

 

ކުރީގެ ކުޅިވަރު ނޫސްވެރިޔެއް ކަމުގައިވާ ޑިއޫފް އަކީ 2005 ން 2009 އަށް މާސޭގެ ރައީސްއެވެ. އޭނާވަނީ ލީގު1 ގެ ދެވަނައަށް އަދި ފްރެންސް ކަޕްގެ ފައިނަލަށް 2 ފަހަރު މާސޭ ގެންގިޮސްދީފައެވެ.

 

ޑިއޫފް ނިޔާވީ އޭނާގެ އަމިއްލަ ގައުމުގެ ސެނެގާލްގައެވެ. ކޮވިޑް-19 ޖެހިގެން ހާލު ގޯސްވުމުގެ ސަބަބުން ސެނެގާލްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އޭނާ އެޑްމިޓް ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އޭނާ ފްރާންސަށް ގެންދަން މަސައްކަތް ކުރިކަމުގެ ރިޕޯޓްތަކެއްވެސް މީޑިއާގައި ދައުރުވިއެވެ. 

 

ފްރާންސްގެ ފުޓްބޯޅައަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ޑިއޫފް ނިޔާވުމާއި ގުޅިގެން ފުރާންސްގެ ފުޓްބޯޅަ އާއިލާއިން ވަނީ ސޯޝަލްމީޑިއާގައި ހިތާމަ ފާޅުކޮށް ޑިއޫފް އާއި ގުޅޭ ގޮތުން ހިތުގައި އުފެދިފައިވާ ޝުއޫރުތައްވެސް ހިއްސާ ކޮށްފައެވެ.

 

ފްރާންސްގެ ފުޓްބޯޅައިގެ އިދާރާ އެލްއެފްޕީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "ޖާނަލިސް، އެޖެންޓް، އޮލިމްޕިކް މާސޭގެ ރައީސް ޕާޕޭ ޑިއޫފް އޭނާގެ މުޅި އުމުރު ހޭދަކުރީ ފުޓްބޯޅައަށް ހިދުމަތް ކުރުމުގައި" ކަމަށެވެ. އަދި އޭނާ އަކީ 2007 ގެ ސެޕްޓެމްބަރުން ފެށިގެން 2009 ގެ ޖޫން އާއި ހަމައަށް އެލްއެފްޕީގެ މެންބަރެއްކަމަށާއި އެފްއެފްޕީ އޭނާގެ ހަނދާން އަބަދުވެސް އާކުރާނެ ކަމަށެވެ. 

 

މާސޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޑިއޫފް އަކީ އެ ކުލަބުގެ ތާރީހުގައި ކުލަބަށް ލިބުނު އެންމެ ރަނގަޅު އެކަކު ކަމަށާއި، އޭނާގެ ހަނދާންތައް މާސޭގެ ކުޅުންތެރިންގެ ހިތްތަކުގައި މުޅި އުމުރަށްވެސް ދަމަހައްޓާނެ ކަމަށެވެ. 

 



Leave a Comment:

Comments will be published after moderation.