News

ކޮވިޑް-19: ވިމްބަލްޑަން ކެންސަލް ކޮށްފި

1 އޭޕްރިލް 2020






ދެވަނަ ބޮޑު ހަނގުރާމައަށްފަހު އަންނަ މަޝްހޫރު ޓެނިިސް މުބާރާތް ވިމްބަލްޑަން ފުރަތަމަ ފަހަރަށް ކެންސަލް ކޮށްފިއެވެ. މުބާރާތް ކެންސަލް ކުރީ ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އެވެ. 

 

އޯލް އިންގްލޭންޑުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ޓެނިސް މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތީ 29 ޖޫން އިން 12 ޖުލައި އާ ހަމައަށެވެ. 

 

ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ ޕްރޮފެޝަނަލް ޓެނިސްގެ ހުރިހާ ހަރަކާތެއް 13 ޖުލައި އާއި ހަމައަށް ދުނިޔޭގެ ހުރިހާ ގައުމެއްގަިއވެސް ވަނީ މެދުކަނޑާލާފައެވެ.   

 

ވިމްބަލްޑަން އަކީ ހޫނު މޫސުމުގެ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ ތެރެއިން އެންމެ ފަހުން ކެންސަލް ކުރި ހަރަކާތެވެ. އޭގެ ކުރިން ޔޫރޯ 2020 އަދި އޮލިމްޕިކްސް ގެ މިއަހަރުގެ މުބާރާތްތައް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. 

 

ވިމްބަލްޑަން ކެންސަލްކޮށްފައިވާއިރު ފްރެންޗް އޯޕަން ޓެނިސް މުބާރާތްތަވެސް ވަނީ ފަސްކޮށްފައެވެ. ފްރެންޗް އޯޕަން ފަށަން ހަމަޖެހިފައި އޮތީ މޭ މަހުއެވެ. އެހެންނަމަވެސް މިހާރު އެ މުބާރާޓް ރީ ޝެޑިއުލް ކޮށްފައިވަނީ 20 ސެޕްޓެމްބަރުން 04 އޮކްޓޯބަރަށެވެ. 

 

އޯލް އިންގްލޭންޑް ލޯން ޓެނިސް ކްލަބުގެ ޗެއާމަން އިއާން ހެވިޓް ވިދާޅު ވިމްބަލްޑަން ފަސްކުރަން ނިންމި ނިންމުމަކީ އާދައިގެ ގޮތަކަށް ނެގި ކަމެއް ނޫން ކަމަށާއި، އެކަން އެގޮތަށް ނިންމީ އާންމު ސިއްހަތާއި، މުބާރާތް ކުރިޔަށް ގެންދަން ތިބި އެންމެންގެ ސަލަމާތާއި ރައްކާތެރިކަމަށްޓަކާ ކަމަށެވެ.

 

އަދި ދެ ވަނަ ބޮޑު ހަނގުރާމައަށްފަހު މިއީ މުބާރާތް ކެންސަލް ކުރާ ފުރަތަމަ ފަހަރު ކަމަށާއި، މިއަހަރުގެ މުބާރާތް ކެންސަލްކުރަން ނިންމި ނިންމުމަކީ ހަމަ އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

 

އަދި މި ދަނޑިވަޅުގައި ވިމްބަލްޑަންގެ ހުރިހާ ރިސޯސްތަކެއްވެސް ބޭނުން ކުރާނީ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އޯލް އިންގްލޭންޑް ލޯން ޓެނިސް ކްލަބުގެ ޗެއާމަން ވިދާޅުވިއެވެ.

 

ވިމްބަލްޑަންގެ އެންމެ ފަހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން އަކީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް އެވެ. އަންހެން ޗެމްޕިއަނަކީ ސިނޯމާ ހަލެފްއެވެ. 



Leave a Comment:

Comments will be published after moderation.