News
ޔޫރަޕް ލޮކްޑައުންއަށް ދިޔަނަމަވެސް ބެލަރުސް ފޯރީގައި ފުޓްބޯޅަ ކުޅެނީ
31 މާރިޗު 2020
ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔެ ކަންބޮޑުވެގެން އުޅޭ މި ދަނޑިވަޅުގައި ޔޫރަޕްގެ ގިނަ ކުޅިވަރު ހަރަކާތްތައް މެދުކަނޑާލިނަމަވެސް ބެލަރުސްގައި ފޯރިއާއެކު ފުޓްބޯޅަ ސީޒަން ކުރިއަށް އެބަދެއެވެ.
ބެލަރުސްގައިވެސް ކޮރޯނާ ވައިރަހަށް ޕޮސިޓިވް 100 އެއްހާ ކޭސް ފެނިފައިވީނަމަވެސް ބެލަރުސްގައި އަންނަނީ ބެލަރޫސިއަން ޕްރިމިއާ ލީގުގެ މެޗުތައް ކުޅެމުންެނެވެ. ސަޕޯޓަރުން ވައްދައިގެން ސްޓޭޑިއަމްތަކުގައި ފޯރިއާއެކު މެޗުތައް ބާއްވަމުން އަންނަ އިރުމަތީ ޔޫރަޕްގެ ބެލަރުސްގައި ބައެއް ސަޕޯޓަރުން ދަނޑަށް ވަދެ ތިބީ މާސްކް އަޅައިގެންނެވެ.
ފުޓްބޯޅަ ލީގު މެދުކަނޑާނުލާ ކުރިޔަށް ގެންދާ ޔޫރަޕްގެ ހަމައެކަނި ގައުމު ކަމުގައިވާ ބެލަރުސްގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ކަމާބެހޭ އިދާރާތަކުން އަންގާފައެއްވެސް ނުވެއެވެ. އެހެންނަމަވެސް ކޮރޯވައިރަސް އިން ސަލާމަތް ވުމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް އެގައުމުގެ ފުޓްބޯޅަ އާއި ބެހޭ އިދާރާތަކުން ބުނެއެވެ.
މިދިޔަ ހަފްތާ ބަންދުގައި ބެލަރުސްގެ ޕްރިމިއާ ލީގުގެ ފޯރިގަދަ މެޗެއް ކުޅެމުން ދިޔައިރު ސަޕޯޓަރުންގެ ގޮތުގައި 3000އަށް ވުރެ ގިނަ މީހުން ދަނޑަށް ވަދެ ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.
9.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބެލަރުސްގައި މިހާތަނަށް ކޮރޯނާވައިރަސްގެ ސަބަބުން މީހަކު މަރުވި ކަމުގެ ރިޕޯޓެއް ނެތެވެ.
މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ޔޫރަޕްގެ އެހެންގައުމުތަކުގެ ލީގުތައް މެދު ކަނޑާލާފައިވާތީ ޓީވީ ތަކުން އަންނަނީ ބެލަރުސް ލީގް ދެއްކުމަށް ރައިޓްސް ގަންނަމުންނެވެ. އެހެންކަމުން އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް މާލީ ގޮތުން ފައިދާވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.