News
ފުރަތަމަ ފަހަރަށް އީގަލްސް އޭއެފްސީ ކަޕަށް
31 މާރިޗު 2020
ދުނިޔޭގައި ހަލުވި ކަމާއެކު ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ މޯލްޑިވްސް ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އެފްއޭ ކަޕް ކެންސަލް ކުރުމުން ކްލަބް އީގަލްސް އަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ލިބިއްޖެއެވެ.
މިއީ އޭޝީއާގެ ދެވަނަ ފަންތީގެ ކްލަބް މުބާރާތެއްގައި އީގަލްސްއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ސެމީ ފައިނަލާ ހަމައަށް މުބާރާތް ގޮސްފައިވަނިކޮށް، ލަބްތަކާއި މަޝްވަރާ ކުރުމަށްފަހު އެފްއޭ ކަޕް ކެންސަލު ކުރުމުން އީގަލްސް އަށް އޭއެފްސީ ކަޕުގެ ޕްލޭ އޮފްގެ ޖާގަ ލިބުނީ ދިރާގު ދިވެހި ލީގުގެ ދެވަނައިގަ އެޓީމު އޮތުމުންނެވެ .
އޭއެފްސީ ކަޕްގައި މިއަހަރުވެސް ރާއްޖޭގެ ދެ ޓީމަކަށް ފުރުސަތު ލިބުނެވެ. އެއީ ޓީސީ ސްޕޯޓްސް ކްލަބް އާއި މާޒިޔާ ރިކްރިއޭޝަން އެންޑް ސްޕޯޓްސް ކްލަބެވެ.
އޭއެފްސީގައި ވާދަކުރުމަށް އިންޑިއާ އާއި ބަންގްލަދޭޝްއަށް މި ދެޓީމުގެ ކުޅުންތެރިންގޮސް ދެ މެޗެއް ކުޅެފައިވާއިރު ކޮރޯނާ ވައިރަސްގެ ސަބަބުން އެ މުބާރާތްވެސް ވަނީ ފަސްކޮށްފައެވެ.
މީގެ ކުރިން ރާއްޖޭގެ ހަ ޓީމަކުން އޭއެފްސީ ކަޕްގައި ވާދަކުރިއެވެ. އެ ޓީމްތަކަކީ ނިއުރޭޑިއަން ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ޓީސީ އަދި މާޒިޔާއެވެ.