News
ދެ މުބާރާތް ކެންސަލްކޮށް އެފްއޭއެމް އިން ފުޓްބޯޅަ ސީޒަން ނިންމާލައިފި
31 މާރިޗު 2020
ކޮރޯނާވައިރަސްގެ ބަލިމަޑުކަން ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާތީ ރާއްޖޭގެ ދެ މުބާރާތް ކެންސަލް ކުރުމަށްފަހު ފުޓްބޯޅަ ސީޒަން ނިންމާލަން ހަމަޖެހިފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމް އިން މާރޗް 29 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރިން ހީކުރި ގޮތާއި ހިލާފަށް މި ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރިފައިވާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސަރުކާރުގެ މަޝްވަރާ އާއި ލަފާގެ މަތިން އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތާއި ޕްރެސިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ނުބާއްވަން ނިންމާފައިވާ ކަމަށެވެ.
މި ދެ މުބާރާތް ކެންސަލް ކުރީ އެފްއޭ ކަޕްގައި ބައިވެރިވެފައިވާ ހުރިހާ ޓީމުތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށް އެފްއޭއެމް އިން ބުނެއެވެ.
އެ ދެ މުބާރާތް ކެންސަލް ކުރި ނަމަވެސް 2019/2020 ގެ ފުޓްބޯލަ ސީޒަނުގައި ހިމެނޭ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިއަހަރު ބާއްވާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ. މި މުބާރާތް ބާއްވާނެ ތާރީހެއް އިއުލާން ކުރާނީ ފަހުންނެވެ.
އެފްއޭއެމް އިން ބުނީ މި ނިންމުމާއި ގުޅިގެން 2021 ގެ އޭއެފްސީ ކަޕަށް ހޮވިފައިވަނީ ދިރާގު ދިވެހި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކުލަބް ކަމަށެވެ. އަދި އޭއެފްސީ ކަޕްގެ ޕްލޭ އޮފްގެ ޖާގަ ލިބިފައިވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ޓީމް ކަމުގައިވާ ކްލަބް އީގަލްސް އަށް ކަމަށްވެސް އެފްއޭއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.