News
ބާސެލޯނާއާއި ހަވާލުވާން ތައްޔާރު، އެކަމަކު ނެގެޓިވް ނުވާތި: ޒާވީ
30 މާރިޗު 2020
އެންމެންނާ ގުޅޭ ރަނގަޅު މާހައުލެއް އޮތްނަމަ މިހާރުވެސް ބާސެލޯނާގެ މެނޭޖަރު ކަމާއި ދާއިމީކޮށް ހަވާލުވާން ތައްޔާރު ކަމަށް ޒާވީ ހެނާންޑޭޒް ބުނެފިއެވެ.
ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޒާވީ ބުނީ މިހާރުވެސް ބާސެލޯނާއާއި ހަވާލުވާން ތައްޔާރުކަމަށެވެ. އެހެންނަމަވެސް ޑްރެސިން ރޫމުގައި އެއްވެސް ނެގެޓިވް ވިސްނުމެއް ހުރެގެން ނުވާނެ ކަމަށާ ނެގެޓިވް ވިސްނުންތައް އެއްފަރާތްކޮށް ވަރަށް އެކުވެރި މާހައުލެއް ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުންގެ މެދުގައިވެސް އޮންނަން ޖެހޭނެ ކަމަށެވެ.
ބާސެލޯނާއަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ޒާވީ ބުނީ އޭނާ ބާސެލޯނާއާއި ހަވާލުވާނީ ރަނގަޅު ޓީމެއް ބިނާކުރެވޭނެފަދަ އެއްވިސްނުމެއްގައި އެއްމިސްރާބަކަށް ދަތުރުކުރާ ބަޔަކާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް އޮވެއްޖެނަމަ ކަމަށެވެ.
މިވަގުތު ގަތަރުގެ އަލް ސާދު އަށް ކޯޗުކޮށްދޭ ޒާވީ ވަނީ މިދިޔަ ޖެނުއަރީގައި ބާސެލޯނާއާއި ހަވާލުވުމުގެ ފުރުސަތު ދޫކޮށްލާފައެވެ.
ޒާވީ ބޭނުންނަމަ ބާސެލޯނާއާއި ހަވާލުވިޔަސް މައްސަލައެއް ނެތްކަމަށް އަލްސާދުންވެސް އޭރު ބުންޏެވެ. އެހެންނަމަވެސް ޒާވީ އޭރު ބުނީ އެއީ އޭނާގެ ކޯޗިން ކެރިއަރުގެ ފުރަތަމަ މަރްހަލާ ކަމަށްވާތީ ބޮޑު ޓީމަކާއި ހަވާލުވާން ބޭނުން ނުވާ ކަމަށެވެ.