News
ސީޒަން ކެންސަލް ކުރާނަމަ ތަށި ހައްގުވާނީ ލިވަޕޫލަށް
30 މާރިޗު 2020
ކޮރޯނާވައިރަސްގެ ސަބަބުން ފަސްކޮށްފައިވާ ފުޓްބޯޅަ ސީޒަން ކެންސަލް ކޮށްފިނަމަ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ލިވަޕޫލަށް ދިނުން ހައްގު ކަމަށް މެންޗެސްޓަ ސިޓީގެ މިޑްފީލްޑަރ އިލްކާއި ގުންޑޮގާން ބުނެފިއެވެ.
ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ގުންޑޮގާން ބުނީ ސީޒަން ކެންސަލް ކުރުމަށް އެއްވެސް ޓީީމަކުން ބޭނުމެއް ނުވާނެ ކަމަށާއި، އެހެންނަމަވެސް ސީޒަން ކެންސަލް ކުރާނަމަ ލިވަޕޫލަށް ތަށި ހައްގު ކަމަށެވެ.
ޕްރިމިއާ ލީގުގެ މެޗުތައް އޭޕްރީލް 30 ގެ ނިޔަލަށް މެދު ކަނޑާލާފައިވާއިރު ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް ތާވަލުގެ އެއްވަނަ ލިބިފައިވަނީ 82 ޕޮއިންޓް ލިބިފައިވާތީ އެވެ. އެއީ 25 ޕޮއިންޓްގެ ލީޑަކާއެކުއެވެ.
ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލަށް ބޭނުންވަނީ އިތުރު 6 ޕޮއިންޓެވެ.
ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. އެޓީމަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ކޮންމެ ޓީމަކަށްވެސް ބާކީ 9 މެޗު އެބައޮތެވެ.
ސީޒަން ގެއްލިދާނެ ކަމަށް ވިދާޅުވެ ޔުއެފާގެ ރައީސް އަލެކްސަންޑަ ސެފެރިން ވަނީ މިދިޔަ ހަފްތާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިހާރު އޮތް ޕްލޭނާ އެއްގޮތަށް ސީޒަން އަލުން ނުފެށިއްޖެނަމަ ފުޓްބޯޅަ ސީޒަން ގެއްލިދާނެ ކަމަށް ސެފެރިން ވިދާޅުވި ނަމަވެސް ޔޫރޯ އާއި އޮލިމްޕިކްސް އަންނަ އަހަރަށް ފަސްކޮށްފައި އޮތުމުން ސީޒަން ނިންމަން ވަގުތު ލިބޭނެއެވެ.