News
ދެ އަހަރުފަހުން އަޔަކްސްގެ މިޑްފީލްޑަރ ނޫރީ ހޭއަރައިފި
28 މާރިޗު 2020
ހާޓްއެޓޭކެއް ޖެހިގެން 2017 ވަނަ އަހަރު ދަނޑު މައްޗަށް ވެއްޓުނު ނެދަލެންޑްސްގެ ފުޓްބޯޅަ ކުރުންތެރިޔާ އަބްދުލްހައްގު ނޫރީ ކޯމާއެއްގައި އޮންނަތާ ދެއަހަރާއި ނުވަ މަސް ފަހުން ހޭއަރައިފި ކަމަށް އާއިލާއިން ބުނެފިއެވެ.
ނެދަލެންޑްގެ މީޑިއާތަކުން އާއިލާއާއި ހަވާލާދީ ރިޕޯޓްކޮށްފައިވަނީ ނޫރީ ހޭއަރާފައިވާ ކަމަށާއި އޭނާ އާއި ވާހަކަދެއްކުމުން އިޝާރާތުން މުއާމަލާތް ކުރަން މަސައްކަތް ކުރާ ކަމަށެވެ.
2017 ވަނަ އަހަރުގެ ޖުލައި 8 ގައި އޮސްޓްރިއާގެ ބްރެމެން އާއި ދެކޮޅަށް އަޔަކްސް އިން ކުޅުނު މެޗެއްގައި 22 އަހަރުގެ ނޫރީއަށް ހާޓް އެޓޭކެއް ޖެހިގެން ވެއްޓުނީ މެޗުގެ ކުޅުމުގެ ތެރެއިންނެވެ.
ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިނަމަވެސް ނޫރީގެ ހެއެއް ނާރައެވެ. އޭނާއަށް ހާޓްއެޓޭކް ޖެހުމުގެ ސަބަބުން ސިކުނޑިއަށް ދާއިމީ ގެއްލުމެއް ލިބިފައިވާ ކަމަށް ޑޮކްޓަރުން ވަނީ އާއިލާއަށް އަންގާފައެވެ.
ނޫރީގެ ބޭބޭ އަބުދުއްރަހީމް މީޑިއާތަކަށް ބުނީ ބޭބެ "ނިދާ، ކައި ކިނބިއަޅާ ވައިވެސް ލާ ، އެކަމަކު އަދިވެސް ވަރަށް ބަލަން ޖެހޭ" ކަމަށެވެ.
އަދި ބުމަ އަރުވާލާ މުއާމަލާތްކުރަން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
ނޫރީގެ އާއިލާއިން ވަނީ އޭނާ ހޮސްޕިޓަލުން ގެއަށް ބަދަލުކުރުމަށް ގެ މަރާމާތުކޮށްފައެވެ. މިވަގުތު އާއިލާ އާއި އެކު އޮތް ނޫރީ އަށް ވީ އެންމެ ރަނގަޅަކަށް ކަންތައްތައް ކޮށްދޭން ބޭނުންވާކަމަށް އޭނާގެ ބައްޕަ ބުންޏެވެ.
ނޫރީ ހޭއަރައިފިކަން އެނގުމުން އޭނާގެ އެކުވެރި މިހާރު ބާސެލޯނާއަށް ކުޅެމުން އަންނަ ފްރެންކީ ޑި ޖޮން ހޮސްޕިޓަލަށް ގޮސް ނޫރީއަށް ޒިޔާރަތް ކުރުމުން ނޫރީގެ ހަރަކާތްތައް ހުރިގޮތް އޭނާވެސް ވަނީ މީޑިއާއާއި ހިއްސާކޮށްފައެވެ.
ޑި ޖޮންގް ބުނީ "އަހަރެން އޭނާ ކައިރި އިށީނުމުން އޭނާގެ މަންނަ އައި އެހި އައްޕީ އައްޕީ ފްރެންކީ ދިޔައީ ކޮންތާކަށް، ހަމަ އެހެންބުނުމާއެކު ނޫރީ ބުމަ އަރުވާލި ، އެއީ ވަރަށް ހާއްސަ ވަގުތުކޮޅެއް" ކަމަށެވެ.