News
ބާސެލޯނާ ކުޅުންތެރިންގެ މުސާރަވެސް ކުޑަކުރަނީ
28 މާރިޗު 2020
ކޮރޯނާވައިރަސްގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ކުޅުންތެރިންނާއި ސްޓާފުންގެ މުސާރަ ކުޑަކުރުަމށް ނިންމާފައިވާ ކަމަށް ބާސެލޯނާއިން ނުބެފިއެވެ.
ސްޕެއިންގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ލަލީގާ އާއި ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް މެދުކަނޑާލާފައިވާއިރު ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުންތެރިންނާއި ސްޓާފުންގެ މުސާރަތައް ކުޑަކުރަން ނިންމީ ލޮކްޑައުންގެ މުއްދަތަށެވެ.
ބާސެލޯނާއިން ބުނީ ކުޅުންތެރިންނާއި ސްޓާފުންގެ މުސާރަ ކުޑަކުރުމުގެ އިތުރުން މަސައްކަތް ކުރާ ވަގުތުވެސް މަދު ކޮށްފައިވާ ކަަމަށެވެ.
ލައޮނަލް މެސީއާއި އެހެން ކުޅުންތެރިން ހިމެނޭ ގޮތަށް އަދި ނޮން ޕްރޮފެޝަނަލް ސްޓާފުންގެ މުސާރަތައް ކުޑަކުރަން ނިންމީ އެ ކްލަބުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމަކަށް ފަހުއެވެ.
ބާސެލޯނާއިން ވަނީ ސްޕެއިންގައި ކޮވިޑް-19 ޖެހޭ މީހުންނަށް އެހީވުމަށް ބާސެލޯނާގެ ތަންތަން ސިއްހީ އިދާރާތަކަށް ދީީފައެވެ.
ސްޕެނިޝް ހެލްތް މިނިސްޓްރީގެ ރިކޯޑްތައް ދައްކާގޮތުން ކޮވިޑް-19 ޖެހިފައިވާ 65,719 މީހުން އެގައުމުގައި އެބަތިއްބެވެ. އަދި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު އެގައުމުގައި 5،138 އަށް ވަނީ އަރާފައެވެ.