News
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ރޭންކިންގައި ނަބީހާ އާއި ނަބާހާއަށް ބޮޑު ކުރިއެރުމެއް
26 މާރިޗު 2020
ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމްގައި ހިމެނޭ ދެބެން ކަމުގައިވާ އައިމިނަތު ނަބީހާ އާއި ފާތުމަތު ނަބާހާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ އަންހެން ޑަބަލްސް އިވެންޓް ރޭންކިންގެ ގަދަ 100 ގައި ހިމެނިއްޖެއެވެ.
ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތްތަކުން ނުވަ މެޑަލް ހޯދާދީފައިވާ މި ދެބެންނަށް ދުނިޔޭގޭ ގަދަ 100 ގައި ހިމެނުމުގެ ފުރުސަތު ލިބުނީ ބައިނަލްއަގްވާމީ މުބާރާތްތަކުން ނަބީހާ އާއި ނަބާހާގެ ޕެއާއިން ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ.
ރާއްޖެއަށް ރަންމެޑަލްވެސް ހޯދާދީފައިވާއިރު ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ރޭންކިންގައި މިދެމީހުން މިވަނީ 10 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ.
ދުނިޔޭގެ ރޭންކިންގައި މިހާބޮޑު ކުރިއެރުމެއް ލިބުމާއި ގުޅިގެން އިއްޔެ ނަބާހާ ޝޯޝަލްމީޑިއާގައި ބުނެފައިވަނީ މިއީ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް އޭނާ ކުރަމުން އަންނަ މަސައްކަތަށް ލިިބުނު ހިތްވަރެއް ކަމަށެެވެ. އަދި ކުރިޔަށް އޮތް މުބާރާތްތަކުން ރަނގަޅު ނަތީޖާއެއް ހޯދައިގެން އެހިސާބަށް ވާސިލްވުމަކީ އޭނާގެ އުންމީދު ކަމަށެވެ.
ނަބީހާ އާއި ނަބާހާ އަންނަނީ މީގެ 4 އަހަރު ކުރިން ފެށިގެން އޮލިމްޕިކްސް އަށް ކޮލިފައިވުމަށް ޓްރޭނިން ހަދަމުންނެވެ. އެ ދެބެން ޓްރެއިނިން ހަދަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ލިބުނު ފުރުސަތެއްގައި ޖަޕާނުގައެވެ.